ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގެންފިއެވެ.
ޑރ. ވަހީދު ޖޭޕީއާ ގުޅިވަޑައިގަތީ މާމިގިލީގައި މިހާރު ކުރިއަށްގެންދާ އެ ޕާޓީގެ ޖަލްސާގައެވެ. ޑރ. ވަހީދާއެކު އެ މަނިކުފާނުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދުވެސް ވަނީ ޖޭޕީއާ ގުޅިވަޑައިގެންފައެވެ.
ޑރ. ވަހީދު އެންމެ ފަހުން ހުންނެވީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީންގެ އެެޑްވައިޒަރެއްގެ ގޮތުގައެވެ. ޑރ ވަހީދު އެޕާޓީން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޕީޕީއެމުން ވަކިވެވަޑައިގެންފައިވާކަން ހާމަކުރައްވައި ޑރ. ވަހީދު އާންމު ކުރެއްވި ސިޓީގައި ވިދާޅުވެފައި ވަނީ މީގެ ދިހަ އަހަރުގެ ކުރިން ޕީޕީއެމްއާ އެ މަނިކުފާނު ގުޅިވަޑައިގަތީ ގައުމުގައި ހަމަޖެހުން ގާއިމުކޮށް, ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ކަމަށެވެ.
އޭގެ ތެރެއިން ގިނަ ކަންކަން ޕްލޭނާ އެއްގޮތަށް ހާސިލުވި އިރު, ރާއްޖޭގެ އިގުތިސާދާއި ޑިމޮކްރަސީ ހަރަދަނާކޮށް ރައްޔިތުންގެ ފާގަތިކަން އިތުރު ކުރަން އިތުރު މަސައްކަތްތަކެއް ކުރަން އަދިވެސް އެބަހުރި ކަމަށް ޑރ ވަހީދު ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ގާސިމް، ޑރ ވަހީދާ ބައްދަލުވެވަޑައިގެންނެވުމަށް، ޑރ. ވަހީދުގެ ގެކޮޅު، މއ. ޔުރޭކާގައަށް ވަނީ ވަޑައިގެންފައެވެ. އެ ބައްދަލުކުރެއްވުމުގައި ގާސިމާއެކު އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް އަދި ގާސިމްގެ އެޑްވައިޒަރު، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމް ވިދާޅުވީ ރައީސް ވަހީދާ ބައްދަލުކުރެއްވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމަށް ދައުވަތުދެއްވުމަށް ކަމަށެވެ.
އެކިގޮތްގޮތަށް ޖޭޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާކަމުގެ ހަބަރުތައް މީގެ ކުރިން ޑރ ވަހީދު ސީދާ އެއްބަސްވެވަޑައި ނުގެންނެވިޔަސް މިއަދު އެންމެނަށް މިވަނީ ޖަވާބު ލިބިފައެވެ.