އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ހަވާއީގެ މަވްއީގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފޯރައި 80 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް މަވްއީގެ އޮފިޝަލުންނާއި ހަވާލާދީ ބީބީސީއިން ބުނެފިއެވެ.
އަލިފާނުގެ މިހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބެމުން ދަނީ އަހަރަކު ދެމިލަޔަނެއްހައި ފަތުރުވެރިން ޒިޔާރަތްކުރާ ލަވްއީގެ މަގްބޫލް ރެޒޯޓް ރަށެއް ކަމަށްވާ ލަހެއިނާއަށެވެ. ބީބީސީން އާންމުކޮށްފައިވާ ޑްރޯން ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ލަހެއިނާގެ ބޮޑުބައެއް ވަނީ އަނދައި ހުލިވެފައެވެ.
މިހާދިސާއާ ގުޅިގެން ހަވާއީގެ އެޓާނީ ޖެނެރެލް ވިދާޅުވީ ކަމާބެހޭ އިދާރާތަކުން އަލިފާނުގެ ހާދިސާއިން ރައްޔިތުން ސަލާމަތް ކުރުމަަށް އަމަލު ކުރި ގޮތުގެ ފުރިހަމަ ތަހްގީގެއް ހިންގަވާނެ ކަމަށެވެ. ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށާއި ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކާ ހަމައަށް ފޯރިއިރު ރައްކާތެރި ހިސާބުތަކަށް ރައްޔިތުން ބަދަލު ކުރެވިފައި ނުވާތީ ކަމާބެހޭ އިދާރާތަކުގެ މައްޗަށް ބޮޑެތި ފާޑު ކިޔުންތަކެއް ދަނީ އަމާޒު ވަމުންނެވެ.
ހަވާއީގެ ގަވަނަރ ޖޯޝް ގްރީން ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހޮޓާތަކާއި ސްކޫލްތައް ހަމަޖެއްސުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމެރިކާގެ އިތުރުން ޔޫރަޕުގެ ގްރީސް އާއި ޕޯޗުގަލްގައިވެސް ހޫނު ގަދަވުމުގެ ސަބަބުން މިދުވަސްވަރު ދަނީ ޖަންގަލިތަކުގައި ރޯވެ އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގަމުންކަން ފާހަގަ ކޮށްލެވެއެވެ.