ފްރާންސްގެ މަޝްހޫރު އެއިފަލް ޓަވަރުގައި ބޮމެއް އޮތް ކަމުގެ އިންޒާރު ލިބުމާއި ގުޅިގެން އިއްޔެ އެޓަވަރުގެ 3 ފަންގިފިލާއިން މީހުން ހުސްކޮށްފިއެވެ.

ފްރާންސްގެ ބީއެފްއެމްޓީވީ އާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓަވަރުގެ ތިން ފަންގިފިލާގެ އިތުރުން ގޯތިތެރެއިން މީހުން ހުސްކޮށް އެތަންތަން ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.

ބޮމުގެ އިންޒާރު ލިބުމުން ސަލާމަތީ ފިޔަވަޅުތައް އަވަހަށް ގާއިމްކޮށް، އެއިފަލް ޓަވަރު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ޑައިވަރޓްކޮށް ބޮން ހޯދުމަށާއި ނައްތާލުމަށް ޑިމައިނަރުންގެ ޓީމެއްވެސް އެފިލް ޓަވަރުގައި ހަރަކާތްތެރިވި ކަމަށްވެއެވެ.

ބޮމުގެ އިންޒާރާ ގުޅިގެން ސަލާމަތީ ގޮތުން ބަލަންޖެހޭ ބެލުމަށްތައް ބެލުމަށްފަހު، މިހާރު އަލުން އާންމުންނަށް އެއިފަލް ޓަވަރު ހުޅުވާލާފައިވާ ކަމަށް ޓަވަރު ހިންގަމުން އަންނަ ސެޓީ ކުންފުނިން ބުނެއެވެ.

"ނުރައްކަލެއް އޮތް ކަމުގެ އިންޒާރު ލިބުމުން ސަލާމަތީ ގޮތުން އަމަލު ކުރަންޖެހޭ އުސޫލުތަކުގެ މަތިން ޓަވަރުން މީހުން ހުސްކޮށް ބަލައި ފާސް ކުރަން ޖެހުނީ. މަދުންނަމަވެސް މިފަދަ ކަންކަންކަން ދިމާވަމުންދޭ" ބީއެފްއެމްޓީވީއަށް ދިން ބަސްދީގަތުމެއްގައި ސެޓީ ކުންފުނީގެ ތަރުޖަމާނު ބުންޏެވެ.

އެފިލް ޓަވަރަށް އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން މީހުން ޒިޔާރަތް ކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.