އަންނަ ރިޔާސީ އިންތިހާބުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި މަސައްކަތް ކުރަން ހުށަހެޅުމުގެ ސުންގަޑި މިއަދު 15:00 އަށް ހަމަވާ ގޮތަށް އޮއްވައި، އަންނަ އަންގާރަ ދުވަހަށް އިތުރު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިހާބާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މޮނިޓަރުންނާއި އޮބްޒާވަރުންނަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ ސުންގަޑި އިތުރު ކުރީ މި ވަގުތާ ހަމައަށް އައި އިރު ވެސް އީސީން އިން އަންދާޒާ ކޮށްފައިވާ އަދަދަށް މޮނިޓަރުންނާއި އޮބްޒާވަރުން ހުށަހަޅާފައި ނުވާތީ ކަމަށެވެ.
އާންމުކޮށް ނޫސްވެރިން ފޯމު ހުށަހަޅަނީ އެންމެ ފަހު ވަގުތުގައިކަން ފާހަގަ ކުރައްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، މި މަހުގެ 15 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަށް ސުންގަޑި އިތުރުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް ފޯމް ހުށަހެޅުމަށް ހުޅުވާލާފައި އޮތީ މިއަދުގެ މެންދުރު ފަހު 3:00 އާ ހަމައަށެވެ.
އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއެކު ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ. އަދި އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުމާއި އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި, އަމަލުކުރަން އިގުރާރުވާ މީހަކަށް ވުމާއެކު ފާއިތުވި 5 އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅާއިފައިވާ މީހަކަށް ނުވުން ވެސް އޮބްޒާވަރުންނާއި މޮނީޓަރުންގެ ޝަރުތުތަކުގައި ހިމެނެއެވެ.
ދަރުބާރުގެ ރިސެޕްޝަނުން ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރުފަހު 3 އަށް ކަމަށާއި ހުކުރު ދުވަހު ފޯމު ބަލައިގަންނަން ހަމަޖެހިފައި ވަނީ މެންދުރުފަހު 3 އިން ހަވީރު 5 އަށް ކަމަށް އީސީއިން ބުނެއެވެ.
މެއިލް ކުރާނީ އެ ކޮމިޝަނުގެ އީމެއިލްއަށް ކަމަށާއި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އެ ކޮމިޝަންގެ ވެބްސައިޓް އިން ލިބޭނެ ކަމަށް އީސީން ބުނެއެވެ.