ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ބަނދަރާއި، ފެނަކަ އިންޖީނުގެ އަދި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

އެމަނިކުފާނު، މިލަދޫ ބަނދަރާއި، މިތަންތަން ހުޅުއްވާދެއްވީ، މިހާރު އެމަނިކުފާނު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުކުރީގައި އެރަށަށް ކުރެއްވި ޒިޔާރާތުގައެވެ.

ރައީސް މިއަދު ހުޅުއްވައިދެއްވި، މިލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުއަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންގޮސްފައިވާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ބަނދަރާއި ނެރު ފުންކޮށް، ރޭމްޕް ހަދައި، ނެރުބައްތި އާއި ބަނދަރު ބައްތި ޖަހައި، ޕޭވްމަންޓްވަނީ އަޅާފައެވެ.

މީގެއިތުރުން މިއަދު ހުޅުއްވައިދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، 1080ކިލޯވޮޓްގެ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެކުރިން ހުރި އޮފީސް ޢިމާރާތަކީ، 3 މީހުންގެ ޖާގައިގެ އިމާރާތެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.