ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހުޅުމާލެ ހާފްވޭހައުސްގައި ޤާއިމުކޮށްފައިވާ "ދާލަން" ކްލިނިކް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
އެކަމަނާ މި ކްލިނިކް ހުޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ކްލިނިކަކީ ހުޅުމާލެ ހާފްވޭހައުސްގައި ޤާއިމްކޮށްފައިވާ އަންހެނުންގެ ރިހެބިލިޓޭޝަން ސެންޓަރުގައި ހުރި ކްލިނިކްގައި ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އަންހެނުންނަށް ޚާއްޞަ ބަލިތަކާއި މި ނޫންވެސް އާ ޚިދުމަތްތަކާއެކު ހުޅުވިގެންދާ ކްލިނިކެކެވެ.
މި ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތައް ޚާއްޞަކުރެވިގެން ދާނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުރެގެން އެކަމަށް ފަރުވާ ބޭނުންވާ އަންހެނުންނަށާއި ޢާއިލާ ރޭވުމުގައި އަންހެނުންނަށް ދިމާވާ ޚާއްޞަ ޙާލަތްތަކަށް އަމާޒުކުރެވިގެން ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށެވެ. ހަމައެއާއެކު ޢާންމު ބަލިތަކަށް ފަރުވާ ދިނުމާއި، އަންހެނުންގެ ޚާއްޞަ ބަލިތަކަށް ފަރުވާ ދިނުމާއި، އެޑިކްޝަންއަށް ފަރުވާދިނުމާއި، މައިނަރ ޕްރޮސީޖަރގެ ޚިދުމަތާއި، ސިނގިރޭޓް ބުއިން ހުއްޓުވުމަށް އެހީތެރިވެދޭ ޓޮބޭކޯ ސެސޭޝަން ތެރަޕީ ފަދަ ޚިދުމަތްތައްވެސް މި ކްލިނިކުން ދޭން ހަމަޖެހިފައިވެއެވެ.
އަދި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) ގެ އެހީތެރިކަމާއެކު، ކުރިޔަށްގެންދެވޭ ޚިދުމަތްތަކުގެ ތެރޭގައި ދަރިމައިވުމުގެ ޞިއްޙަތާއި ޢާއިލާ ރޭވުންފަދަ ކަންކަމަށް މީހުން އަޙުލުވެރިކުރުން ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ.
މީގެއިތުރުން އެޑްމިޓްކޮށްގެން ފަރުވާ ހޯދަން ދަތިތައް ކުރިމަތިވާ ގިނަ ފަރާތްތަކަށް މުޖުތަމަޢުގައި ތިބެގެން ޞިއްޙީ އެހީތެރިކަމާއެކު ޒިންމާދާރު އަދި ދުޅަހެޔޮ މީހަކަށް ވުމުގެ ފުރުޞަތު ކްލިނިކުން ފަހިވެގެންދެއެވެ.ހަމައެއާއެކު އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޚިދުމަތް މި ކްލިނިކުން ފޯރުކޮށްދޭއިރު، މާލޭ އޭރިޔާގައި ފަސޭހައިން އައުޓްޕޭޝަންޓް ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އެހެން ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަރޗުއަލްކޮށް ޚިދުމަތް ލިބޭނެ އިންތިޒާމުވެސް މިތަނުގައި ވަނީ ހަމަޖެހިފައެވެ.
ރައީސްގެ އަނބިކަނބަލުން ވަނީ މި ކްލިނިކް ބައްލަވައިލައްވައި ކްލިނިކުން ޚިދުމަތް ހޯދަމުންދާ ބައެއް ފަރާތްތަކާ ބައްދަލުކޮށްލައްވާފައެވެ. އެއަށްފަހު ފަޒްނާ ވަނީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ)އާއި ހުޅުމާލެ ހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތް އަދި ދާލަންގެ އިސްވެރިންނާއި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.