ފަރެސް މާތޮޑާ އެއަރޕޯޓުގައި ގާއިމްކުރި ޒަމާނީ އިންޖީނުގެއިން ފަރެސް މާތޮޑާއަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް އިފްތިތާހު ކޮށްދެއްވައިފިއެވެ. ހަމަމިއާއެކު، ރާއްޖޭގައި ފުރަތަަމަ ފަހަރަށް މީހުން ދިރިއުޅޭ ރަށަކަށް މޫދު އަޑިން ކަރަންޓް ކޭބަލެއް އަޅައި އެއް ވިއުގައަކުން ގުޅާލައި ކަރަންޓްގެ ހިދުމަތް ދިނުމުގެ ޝަރަފު މިވަނީ ފެނަަކައަށް ލިބިފައެވެ.

ސައްތަ އިން ސައްތަ ދިވެހިންގެ މަސައްކަތުން ކުރު މުއްދަތެއްގެ ތެރޭގައި ބިނާކުރި އިންޖީނުގެއިން ފަރެސް މާތޮޑާއަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދެނީ ކަނޑު ހުރަސްކޮށް އަޅާފައިވާ ކޭބަލް ވިޔުގަޔަކުންނެވެ.

މިއަދު ރަސްމީކޮށް ހުޅުވިގެން ދިޔަ މި އިންޖީނުގޭގެ ކޭބަލް ވިޔުގައިން ފަރެސް އަދި މާތޮޑާއަށް ބޭނުންވާ ކަރަންޓް ފޯރުކޮށް ދެވިގެންދާނެއެވެ. މީގެ އިތުރުން ފަރެސްމާތޮޑާ އެއަރ ޕޯޓަށް ބޭނުންވާ ކަރަންޓްގެ ހިދުމަތްވެސް ދެމުންދާނީ ފެނަކައިގެ މި އިންޖީނުގެއިންނެވެ.

ރާއްޖޭގެ ރަށްރަށަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުން ޒަމާނީ ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ފަށާފައިވާ މަސައްކަތުގެ ދަށުން ފަރެސް މާތޮޑާ އެއާރ ޕޯޓުގައި ގާއިމްކޮށްފައިވާ އިންޖީނުގެ ގާއިމްކޮށްގައި ވަނީ ދިހަ މެގަވޯޓުގެ ކަރަންޓް އުފެއްދޭ ފެންވަރަށެވެ. އަދި މި އިންޖީނުގެ ހަދާފައިވަނީ އެންމެ ފަހުގެ ޒަމާނާ އެއްގޮތަށް، ބޭރަށް އެއްވެސް އަޑެއް ނީވޭނެހެން ސައުންޑު ޕުރޫފްކޮށްކަން ވެސް ފާހަގަކޮށްލެވެއެވެ.

ކުރިއަށް އޮތް ފަންސާސް އަހަރަށްވެސް ފުދޭ މިންވަރަށް ހަދާފައިވާ މި އިންޖީނުގެއަކީ ފެނަކައިން ރާއްޖޭގެ ރައްތަކުގައި އަސާސީ ހިދުމަތްތައް ކަށަވަރުކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ދައުރުގައި ފެއްޓިގެން ކުރިއަށް ގެންދެވުނު ކާމިޔާބު މަސްރޫއެކެވެ.

ފެނަކަ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުޙައްމަދު ފެނަކައިގެ ހިންގެވުމާ ހަވާލުވިފަހުން މުޅި ރާއްޖޭގެ އަސާސީ ހިދުމަތްތަކަށް ފެނަަކައިން ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ.