އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް 3-2 އިން ބަލިކޮށް, ލީގު ހާސިލުކުރުމުގެ އުއްމީދުގައި ނިކުތް އާސެނަލްއަށް މުހިއްމު މޮޅެއް ލިބިއްޖެއެވެ.
ޓޮޓެންހަމްގެ ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ޓޮޓެންހަމެވެ. ނަމަވެސް ކުޅުމުގެ އޮއިވަރާ ހިލާފަށް މެޗުގަައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ އާސެނަލްއެވެ. މި ލަނޑަކީ މެޗުގެ 15 ވަނަ މިނެޓުގައި ބުކާޔޯ ސާކާ ނަގައިދިން ކޯނަރަކުން, ޓޮޓެންހަމްގެ މިޑްފީލަޑަރު ޕިއާ އެމީލް ހޮއިބިއާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މެޗުގެ 27 ވަނަ މިނެޓުގައި އާސެނަލް ވަނީ އެ ޓީމުގެ ލީޑު ދެ ގޯލަށް ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސާކާއެވެ. ޓޮޓެންހަމަށް ކަންކަން ގޯހުން ގޯހަށް ދިޔައީ މެޗުގެ 38 ވަނަ މިނެޓުގައި ކައި ހަވާޓްޒް ލަނޑު ޖަހާ އާސެނަލްގެ ލީޑު ތިން ގޯލަށް އިތުރު ކުރުމުންނެވެ. ހަވާޓްޒްގެ ގޯލާއެކު އާސެނަލް ވަނީ, މި ދެ ޓީމު ބައްދަލު ކުރި މެޗެއްގައި އެންމެ އަވަހަށް ތިން ގޯލުގެ ލީޑެއް ނެގި ޓީމަށް ވެފައެވެ.
ދެވަނަ ހާފުގައި ޓޮޓެންހަމް ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް, މެޗުގެ 64 ވަނަ މިނެޓުގައި ލަނޑު ޖަހާ އާސެނަލްގެ ލީޑު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯއެވެ. ޓޮޓެންހަމްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 87 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ލިބުނު ޕެނަލްޓީ އަކުން ޓީމުގެ ހުނަރުވެރި ފޯވާޑު ހިއުންމިން ސޮން ކާމިޔާބު ކޮށްދިން ލަނޑެކެވެ. މެޗުގެ ވަގުތު ހަމަވި އިރު ވެސް ޓޮޓެންހަމަށް ތިން ވަނަ ލަނޑެއް ކާމިޔާބު ނުކުރެވުމާއެކު އެ ޓީމަށް ވަނީ ހުސްއަތާ މެޗު ނިންމާލަން ޖެހިފައެވެ.
މި ލިބުނު މޮޅާއެކު އާސެނަލް އޮތީ ތާވަލުގެ އެއްވަނައިގައެވެ. އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 80 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 79 ޕޮއިންޓެވެ. ނަމަވެސް ސިޓީ ކުޅެފައިވަނީ އާސެނަލްއަށްވުރެ އެއް މެޗު މަދުން ކަމަށް ވާތީ, އާސެނަލް ފަހާލައި އެއްވަނައަށް އެރުމުގެ ފުުރުސަތު އެ ޓީމަށް އެބައޮތެވެ. މެޗުން ބަލިވި ޓޮޓެންހަމް އޮތީ, ކުޅުނު 33 މެޗުން ލިބުނު 60 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.