ތުރުކީގެ ފުރަތަމަ އެއާކްރާފްޓް ކެރިއަރު ޕްރޮޖެކްޓްގެ ތަފްސީލުތައް ހާމަކުރުމާ ގުޅިގެން އެ ގައުމުގެ ކަނޑުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުން އަންނަ އުއްމީދުތަކަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން މި އަހަރުގެ ކުރީކޮޅު ކުރެއްވި އިއުލާނަކީ، ތުރުކީގެ އަމިއްލަ މަތިންދާބޯޓު އުފުލާ އުޅަނދެއް އުފެއްދުމުގެ އުއްމީދީ މަސައްކަތް ފެށުން ކަމަށާއި، މިއީ ސަރަހައްދީ ކަނޑުގެ ބާރެއްގެ ގޮތުގައި ތުރުކީން ގާއިމުކުރުމުގެ ވިސްނުން ގެންގުޅޭ ކަމުގެ އިޝާރާތެއް ކަމަށެވެ.

އިސްތަންބޫލް ނޭވަލް ޝިޕްޔާޑްގައި ހުންނަ ޑިޒައިން ޕްރޮޖެކްޓް އޮފީސް (ޑީޕީއޯ) އިން ފަރުމާކޮށްފައިވާ މި ކެރިަރަކީ ހަމައެކަނި އެގައުމުގެ ވަސީލަތްތަކާއި ތަޖުރިބާ ބޭނުންކޮށްގެން މިނިވަންކަމާއެކު ކަނޑުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ތުރުކީން ކުރާ މަސައްކަތުގެ ހެއްކެކެވެ. ގާތްގަނޑަކަށް 60،000 ޓަނުގެ ބަރުދަނުގައި އަދި ދިގުމިނުގައި 285 މީޓަރު ހުންނަ މި ކެރިއަރުގައި 50 ވަރަކަށް ކޮމްބެޓް އެއާކްރާފްޓް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި " ޕައިލެޓް ބޭނުންނުވާ ފައިޓާ ކަމަށްވާ "ހުރްޖެޓް" އާއި "އަންކާ-3" ފަދަ އެގައުމުގެ އަމިއްލަ މޮޑެލްތައް ވެސް ހިމެނެއެވެ.

މިވަގުތު މަތިންދާބޯޓު އުދުއްސާލުމަށް މޮޑިއުލާ ރޭމްޕް ސިސްޓަމެއް ހިމަނާފައިވާއިރު، ތުރުކީގެ އިންޖިނިއަރުންގެ އަމާޒަކީ މުސްތަގުބަލުގައި ޑޮމެސްޓިކް ކެޓަޕަލްޓް ސިސްޓަމެއް އުފެއްދުމެވެ. ވާޓިކަލް ލޯންޗިން ސިސްޓަމް (ވީއެލްއެސް) އާއި ކްލޯޒް-އިން ވެޕަން ސިސްޓަމްސް (ސީއައިޑަބްލިއުއެސް) ފަދަ ޒަމާނީ ދިފާއީ ނިޒާމުތައް އެކުލެވިގެންވާ މި ކެރިއަރު ވަނީ ތުރުކީގެ ކަނޑުގެ އަސްކަރީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ހެއްކަކަށެވެ.

މި މަސައްކަތް ފަށަން ނިންމީ ތުރުކީގެ އެންމެ ބޮޑު ހަނގުރާމަމަތީ އުޅަނދު އަދި ޑްރޯން ކެރިއަރު ކަމަށްވާ ޓީސީޖީ އަނަޑޯލޫ ކާމިޔާބުކަމާއެކު ތަރައްގީކޮށް، ސްޓްރެޓެޖިކް ސަރަހައްދީ ޑިމާންޑްތައް ފުއްދުމަށް ޓަކައި ތުރުކީގެ އަމިއްލަ މަތިންދާބޯޓު އުފުލާ އުޅަނދުތަކެއް އުފެއްދުމަށް ރައީސް އުރުދުޣާން ގެންގުޅުއްވާ ޒަމާންވީ ތަސައްވުރުގެ މައްޗަށް ބިނާކޮއްފައެވެ. ޑިޒައިންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ތުރުކީވިލާތުން ވަނީ އެގައުމުގެ ކަނޑުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށް މެޑިޓެރޭނިއަން ކަނޑުގެ ސަރަޙައްދުތަކާއި، އެއަށްވުރެ ބޭރުގައި ވެސް ތުރުކީގެ ބާރު ގަދަކުރުމަށް ތައްޔާރުވެފައެވެ.