ނ. ޅޮހީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިކަމަށް އެމަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ (އެމްޓީސީސީ) އިން ބުނެފިއެވެ.

މީގެއިތުރުން ބުނީ މިހާރު ކުރިއަށްދަނީ ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތްކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 66,701 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 2,205 މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 321 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 366 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1,720 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 64.8 މިލިއަން ރުފިޔާއަށް ނިންމުމަށެވެ. މިއީ 640 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

މިމަހުގެ އަށްވަނަ ދުވަހުގައިވަނީ ބަނދަރު ހެދުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައެވެ.