މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ފަހުން ގއ. ދެއްވަދު އިން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެންގުމަށް އެޗްޕީއޭ އިން އެދިއްޖެ އެވެ.

ދެއްވަދުއިން އެ މުއްދަތުގައި އެހެން ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ސާމްޕަލްނަގައި ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިއްބެވުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.

30 ނޮވެމްބަރުގެ ފަހުން ދެއްވަދުއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެ ހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ވަޑައިގެން ސާމްޕަލް ނެގުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އަދި ނެގެޓިވް ނަތީޖާ ލިބެންދެން، އެފަދަ މީހުން ކަރަންޓީނުގައި ތިއްބުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

"މާލޭގެ ސާމްޕަލް ނަގާ ތަންތަން މިރޭ 12 ޖަހަންދެން ހުޅުވާފައި ހުންނާނެއެވެ،" އެޗްޕީއޭ އިން ބުންޏެވެ.

30 ނޮވެމްބަރުގެ ފަހުން ގއ. ދެއްވަދުއިން އެހެން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނުކުތުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.

މީގެއިތުރުން ޑިސެމްބަރު 25 ގެ ފަހުން ދެއްވަދުއިން ދަތުރުކޮށްފައި އައި ފަރާތެއްނަމަ ދެއްވަދުއިން އައިތާ 14 ދުވަސް ހަމަނުވާނަމަ، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދުއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވުން ވެސް އެޗްޕީއޭ އިން ވަނީ ލާޒިމްކޮށްފަ އެވެ. އަދި ކަރަންޓީނު ނިމުމަށްފަހު ޓެސްޓްކޮށް ނަތީޖާ ލިބެންދެން އެފަދަ މީހުން ކަރަންޓީނުގައި ތިބުމަށް ވެސް ވަނީ އަންގާފަ އެވެ.