ތަޖުރިބާކާރު ކޯޗް ރޮބާޓޯ މަންޗިނީ، އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދިނުމުން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނަށް ހައިރާންކަން ލިބިއްޖެއެވެ.

އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު ނުރުނު ނޫސްބަޔާނެއްގައި ބުނީ މަންޗީނީގެ ނިންމުގެ ސަބަބުން އެއިދާރާއަށް ހައިރާންކަން ލިބިފައިވާ ކަމަށެވެ. "2024 ގެ ޔޫރޯއަށް އިޓަލީ ކޮލިފައި ކޮށްދިނުމަށް ކުރިއަށް އޮތް ޔޫކްރައިން އަދި މެސަޑޯނިޔާ މެޗަށް މަންޗީނީ ދިޔައީ ވަރަށް ފުރިހަމަ ކޮމިޓްމަންޓެއް ދެމުން. ގައުމީ ޓީމަށް އާކޯޗެއް ހަމަޖައްސައި ކުރިއަށް ދެތިން ދުވަސް ތެރޭގައި އިއުލާން ކުރުމަށް މިދަނީ މަސައްކަތް ކުރަމުން" އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ނެރެނު ނޫސްބަޔާނުގައި ބުންޏެވެ.

އެންމެފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީއަށް ކާމިޔާބު ކޮށްދިން ކޯޗް މަންޗީނީ މަގާމުން އިސްތިއުފާ ދީފައި މިވަނީ ޔޫރޯ 2024 ފެށެން ގާތްގަނޑަކަށް 10 މަސް ދުވަހަށް ވެފައި ވަނިކޮށެވެ. ކޮލިފައިންގައި 3 ޕޮއިންޓާއެކު އިޓަލީ އޮތީ ގްރޫޕް ސީ ގެ ތިންވަނައިގައެވެ. މިގްރޫޕުގެ އެއްވަނައިގައި 12 ޕޮއިންޓާއެކު އިންގްލެންޑް އޮތްއިރު ދެވަނައިގައި 6 ޕޮއިންޓާއެކު އޮތީ ޔޫކްރައިނެވެ. އިންގްލެންޑުން އިޓަލީއަށްވުރެ އިތުރަށް 2 މެޗް އަދި ޔޫކްރައިނުން އިޓަލީއަށްވުރެ އިތުރަށް އެއްމެޗް ވަނީ ކުޅެފައެވެ.

ކޮލިފައިންގައި އިޓަލީއަށް ބާކީ އޮތީ ޔޫކްރައިން، ނޯތު މެސަޑޯނިޔާ އަދި މަލްޓާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

މަންޗީނީގެ އިރުޝާދުގެ ދަށުން އެންމެފަހުގެ ޔޫރޯ އިޓަލީއިން ކާމިޔާބު ކުރިނަމަވެސް، މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވަރލްޑް ކަޕަށް އިޓަލީ ކޮލިފައި ކޮށްދިނުމުގައި މަންޗީނީއަށް ކާމިޔާބެއް ނުހޯދުނެވެ.