ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ، 2 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސައުދީ އަރަބިއްޔާގެ އަލް ހިލާލްއަށް ބަދަލުވުމަށް އެއްބަސްވެޖެއެވެ.

ޔުރަޕުގެ ފުޓްބޯޅަ ދޫކޮށް ނޭމާ،31، އަލް ހިލާލްއަށް ބަދަލުމުގެ ކުރިން ހަދަންޖެހޭ މެޑިކަލް ޓެސްޓް ހެދުމުގެ ކަންކަން މިހާރު އެކްލަބުން ވަނީ ހަމަޖައްސާފައެވެ.

ނޭމާ ދޫކޮށްލަން ޕީއެސްޖީއިން ނިންމީ ކިހާވަރެއްގެ ފީ އަކަށް ކަމެއް ޕީއެސްޖީއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މިހާރުވެސް ޕީއެސްޖީއިން މުސާރައިގެ ގޮތުގައި އަހަރަކު 48.6 މިލިޔަން ޑޮލަރު ނަގަމުން އަންނަ ނޭމާއަށް އަލް ހިލާލްއިން ދިނުމަށް ނިންމާފައިވާ މުސާރައިގެ ތަފްސީލްތައް އެކްލަބުން ހާމަކޮށްފައެއް ނުވެއެވެ. މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން ނޭމާއަށް ހިލާލްއިން ހުށަހަޅާފައި ވަނީ ސީޒަނަކަށް 86.4 މިލިޔަން ޕައުންޑެވެ.

ނޭމާއަކީ ދުނިޔޭގެ ފުޓްބޯޅައިގެ ތާރިހުގައި މިހާތަނަށް އެންމެ ބޮޑު އަގުގައ ކްލަބު ބަދަލު ކުރި ކުޅުންތެރިޔާއެވެ. އެއީ 2017 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވުމަށެވެ. ޕީއެސްޖީއިން ނޭމާ އެކްލަބަށް އޭރު ގެންދިޔައީ 222 މިލިޔަން ޔޫރޯއަށެވެ.

ޕީއެސްޖީ ދޫކޮށްލަން ނޭމާ ބޭނުންވީ ޕެރިހުގައި އޭނާ ދިރިއުޅޭ ގޭދޮށަށް މިދިޔަ ސީޒަނަށްފަހު ޕީއެސްޖީގެ ސަޕޯޓަރުންތަކެއް އެއްވެ މުޒާހަރާ ކުރުމުންނެވެ.

ދުނިޔޭގެ ފުޓްބޯޅަ ތަރިންގެ ސަމާލުކަން ސައުދީ ލީގަށް ލިބިފައިވާއިރު، މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބެންޒީމާ، މާނޭ، ފިރްމީނޯ، ރިޔާދް މަހްރޭޒް، މަލްކޮމް، އެންގްލޯ ކަންޓޭފަދަ ކުޅުންތެރިން ކުޅެމުން އަންނަނީ ސައުދީ ލީގުގައެވެ.