ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ މާދަމާ ލޯންޗްކުރަން ނިންމައިފިއެވެ.

ސަލްޓަން ޕާރކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތު އޮތީ މާދަމާ ރޭ 8:30 އެވެ.

ރާއްޖޭގައި އެންމެފަހުން އުފެދުނު ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްގެ މި މެނިފެސްޓޯ އެކުލަވާލާފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް އެ ޕާޓީގެ އިސްވެރިން ވަޑައިގެން އާންމު ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ވެސް ކުރުމަށް ފަހު ރައްޔިތުންނާއި ހިޔާލާއި މަޝްވަރާ ހޯދައިގެންނެވެ.

އެ ޕާޓީގެ ކެމްޕޭންގެ ސްޕޯކްސްޕާސަން މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހއ. އަދި ހދ. އަތޮޅައް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އިންތިހާބު ކާމިޔާބު ވާނެކަމުގެ ވަރަށް ބޮޑު އިތުބާރެއް އެބަ އޮތް ކަމަށްވެސް އިންތި ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދާފައިވާ ސިޔާސީ ޕާޓީއެވެ.

އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ނަޝީދު އަންނަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. ޕާޓީގެ ފަރާތުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އިލްޔާސް ލަބީބެވެ.