ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ގައުމީ އަދި ބައިނަލްއަގުވާމީ ޚިދުމަތުގެ ތަޖުރިބާއިން ޖުމްހޫރީ ޕާޓީއަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކޮށްފައިވާ ޓްވީޓަކުންނެވެ.

އެކަމަށްޓަކައި މަރުހަބާއާއި ޝުކުރު ދަންނަވައި ޤާސިމް މިއަދު ވިދާޅުވީ އެމަނިކުފާނުގެ ގައުމީ އަދި ބައިނަލްއަގުވާމީ ޚިދުމަތުގެ ތަޖރިބާއިން އެ ޕާޓީއާއި އޭނާ އަދި މި ގައުމަށް ލިބިގެންދާނީ އިތުރު ކުރިއެރުން ކަން ޔަގީން ކުރައްވާ ކަމަށެވެ.

ޑރ. ވަހީދު ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އދ.މާމިގިލީގައި ޖޭޕީއަށް ސޮއިކުރައްވައިފައެވެ.

އަދި އެމަނިކުފާނާއެކު ޖޭޕީއަށް ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ދަރިކަލުން ޖެފްރީ ސާލިމާއި ޑރ.މުޙައްމަދު ޢަލީއާއި ކުރީ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވެސް ހިމެނިވަޑައިގަންނަވައެވެ.

ޤާސިމް ވަނީ އެ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.