މިމަހުގެ 20 ވަނަ ދުވަހު އޮންނަ އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިނުގަތަސް ހެޔޮކަމަށް، ރައީސްކަމުގެ ހުވާ ކުރައްވާ ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ޖޯ ބައިޑެން މިހެން ވިދާޅުވީ، އޭނާ ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.

ޖޯ ބައިޑެންގެ އުފަންރަށް، ޑެލަވެއަރގައި ނޫސްވެރިންނާ ވާހަކަފުޅު ދއްކަވަމުން ވިދާޅުވީ، އޭނާ ރައީސްކަމުގެ ހުވާ ކުރައްވާ ރަސްނިއްޔާތަށް ވަޑައިނަގުތުމަށް ޓްރަމް ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށެވެ.

އޭގެ ސަބަބުންވެސް ބައިޑެން ވިދާޅުވެދެއްވިއެވެ.

ބައިޑެން ވިދާޅުވީ، ޓްރަމްޕަކީ އެމެރިކާއަށް ކުރިމަތިވެފައިވާ ބޮޑު ނާއުންމީދެއް އަދި ލަތުވެތިކަމެއް ކަމަށެވެ. ޓްރަމްޕްވަނީ ދުނިޔޭގެ ކުރިމަތީގައި އެމެރިކާ ލަދުގަންނަވާލާފައި ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވީ، ޓްރަމްޕަކީ އެމެރިކާގެ ރައީސްކަމަށް ކުފޫވެސް ހަމަވަ ބޭފުޅެއް ނޫންކަމަށެވެ.

ޓްރަމްޕް ވަޑައި ނުގެންނެވި ނަމަވެސް، ނައިބް ރައީސް މައިކް ޕެންސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ގަންނަވާނެ ކަމަށް ބައިޑެން ވިދާޅުވިއެވެ. ރިޕޯޓްތައް ކުރިން ބުނަމުންދިޔައީ ޕެންސްވެސް ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ.

އެމެރިކާގެ ކޮންމެ ރިޔާސީ ދައުރެއް ބަދަލުވާއިރު، ވެރިކަމުގެ ދައުރު ހަމަވާ ރައީސުން، އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ގަތުމަކީ އާދަކާދައެއްގެމަތިން ހިނގަމުން އަންނަ ކަމެކެވެ. ނަމަވެސް، އެކަންވެސް ޓްރަމްޕް މިވަނީ ނިމުމަކަށް ގެންނަވާފައެވެ.

ޖޯ ބައިޑެން ރައީސްކަމުގެ ހުވާ ކުރައްވަން 10 ދުވަހަށް ވެފައިވާއިރު، ރިޔާސީ އިންތިޚާބުގެ ބަލި އަދިވެސް ޓްރަމްޕް ގަބޫލެއް ނުކުރައްވައެވެ.