މަނީ ލޯންޑަރިންގ އާއި ޓެރަރިޒަމް އަދި ކޮރަޕްޝަނަށް ވާގިވެރިވުމުގެ ތުހުމަތުގައި ލުބުނާނުން އެގައުމުގެ ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރނަރ ރިޔާދް ތައުފީގާއި އާއިލާގެ މެމްބަރުންގެ އެކައުންޓްތައް މިއަދު ފްރީޒް ކޮށްފިއެވެ.

1993 ވަނަ އަހަރުން ފެށިގެން ލުބްނާނުގެ ސެންޓްރަލް ބޭންކުގެ ގަވަނަރކަން ކުރަމުންދިޔަ ރިޔާދު މަގާމުން އިސްތިއުފާ ދިނީ މިއަހަރުގެ ޖުލައި 31 ވަނަ ދުވަހުއެވެ. އޭރު ސަރުކާރުން ހަމަޖެއްސި އޮޑިޓް ފާމަކުން ދިޔައީ ސެންޓްރަލް ބޭންކުގެ އޮޑިޓެއް ކުރަމުންނެވެ.

އޮޑިޓް ފާމުން ނެރުނު 323 ޕޭޖުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ރިޔާދް ވަނީ 2015 އިން 2018 އާއި ދެމެދު އެކަނިވެސް 7 ބިލިޔަން ޑޮލަރަށް ހިޔާނަތްތެރި ވެވަޑައިގެންފައެވެ. އޭގެ އިތުރުން ލުބުނާނުގައި ހިންގި ޕޮންޒީ ސްކީމްތަކުގެ އަޑީގައިވެސް ހުންނެވީ ރިޔާދްކަން އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އުމުރުފުޅުން 73 އަހަރުގެ ރިޔާދް ހިންގެވި މަނީ ލޯންޑަރިން އާއި ކޮރަޕްޝަނުގެ މުއާމަލާތްތަކުގެ ސަބަބުން ލުބްނާން ވަނީ އިގްތިސާދީ ގޮތުން ބަނގުރޫޓްވެފައެވެ. ބޭންކަށް އާންމުން ލާފައި ހުރި ފައިސާ އަނބުރާ ނުލިބުމުގެ ސަބަބުން ރުޅިގަދަވެ، އާންމު ރައްޔިތުން ވަނީ ބައެއް ބޭންކްތައް ލޫޓްވާލާފައެވެ.

ލުބުނާނުން ރިޔާދުގެ އެކަންޓްތައް ފްރީޒްކޮށްފައިވާއިރު އެމެރިކާ އާއި ޔޫރަޕުގެ ވަރުގަދަ އިގްތިސާދުތަކުން ވަނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން އޭނާ އާއި އާއިލާ މެމްބަރުންގެ އެކަންޓްތައް ފްރީޒްކޮށް އެސެޓްތައް ހިފަހައްޓާފައިކަން ފާހަގަ ކޮށްލެވެއެވެ.