ހޯމަ ދުވަހާއި ބުރާސްފަތި ދެދުވަހަކީ، އެ ދެދުވަހު މީސްތަކުންގެ ޢަމަލުތައް ﷲ ގެ ޙަޟްރަތަށް ހުށަހެޅުއްވޭ ދެދުވަހެވެ. އަދި އެ ދެދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރޯދައަށް ހުންނަވާ ކަމުގައި ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެގެން ވެއެވެ.
އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ((تُعْرَضُ الأَعْمَالُ يَوْمَ الاثْنَيْنِ وَالْخَمِيْسِ, فَأُحِبُّ أَنْ يُعْرَضَ عَمَلِيْ وَأَنَا صَائِمٌ)) رواه الترمذي: 747 މާނައީ: ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު (މީސްތަކުންގެ) ޢަމަލުތައް (ﷲގެ ޙަޟްރަތަށް) ހުށަހެޅުއްވެއެވެ. ފަހެ ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލު (ﷲގެ ޙަޟްރަތަށް) ހުށަހެޅުއްވެވުމަށް ތިމަންކަލޭގެފާނު ލޯބި ކުރައްވަމެވެ.
މިޙަދީޘާއި އަދިވެސް މިބާބުގައި އައިސްފައިވާ އެހެނިހެން ޞައްޙަ ޙަދީޘްތަކަށް ވިސްނައި ބަލާއިރު، ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުއްނަތެކެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ވީ މިންވަރަކުން މި ސުއްނަތް އަދާކުރުންމަތީ ދެމި ހުންނަން ވީއެވެ.
އަދި (ސުންނަތް އަޅުކަންތަކުގެ ތެރެއިން) ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެން ވަނީ، ކިތަންމެ މަދު ނަމަވެސް، ދެމިގެންވާ ގޮތުގައި އެ ޢަމަލެއްގެ މަތީގައި އަޅާ ދެމިހުންނަ ޢަމަލެވެ. އެހެންކަމުން ވީ މިންވަރަކުން މިފަދަ ޢަމަލުތައް މަތީ ދެމިހުރެވޭތޯ ބެލުމަކީ މުހިއްމު ކަމެކެވެ.