މާލެ އާއި ރާއްޖެތެރޭގެ އެކި ރަށްރަށަށް މިއަދުން ފެށިގެން ކުރިއަށް އޮތް ދެދުވަސް ތެރޭގައި އުދަ އަރާފާނެކަމަށް ލަފާކޮށް ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކުގައި ރާޅުބާނީގެ އުސްމިން ހުރީ 1.6 ފޫޓުން ފެށިގެން 2.5 ފޫޓަށް ކަމަށެވެ. އަދި ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ރާޅު ބާނީގެ އުސްމިނަކީ 2.5 ފޫޓާއި 2.6 ފޫޓު ކަމަށެވެ.

މީގެއިތުރުން ގއ.އިން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރާޅު ބޮޑުވާނެކަމަށް ލަފާކުރެވެނީ 2.2 ފޫޓުން ފެށިގެން 3.0 ފޫޓަށް ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެގޮތުން މިއަދާއި މާދަމާ ދިޔަވަރު ބޮޑުވާ ވަގުތުތަކަށް ބަލާއިރު، އުތުރަށް އެންމެ ދިޔަވަރު ބޮޑުވަނީ، މިއަދު މެންދުރު 12:00އާ 13:00އާ ދެމެދުގެ ވަގުތުތަކުގައެވެ. އަދި މެދު ރާއްޖެތެރެއަށް ދިޔަވަރު އެންމެ ބޮޑުވަނީ، 13:00 އާ 14:00 ދެމެދުގެ ވަގުތުތަކުގައެވެ.

މިއަދުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް މެޓް އޮފީހުން ބުނިއެވެ.

މާލެ އިރުމަތީ ފަރަތަށް ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުމުގައި މިދުވަސްވަރު އުދައެރުމަކީ އަބަދުވެެސް ދިމާވާ ކަމެކެވެ. އަދި މި މަހުގެ ހައެއްގައި ވަނީ މާލެއަށް އުދައަރައި އެތައް ބަޔަކަށް ގެއްލުންތަކެއް ވެފައެވެ.