ލޭނިން އެންޑް ހައުސިން މިނިސްޓްރީން ރ. މާކުރަތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ސާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މާކުރަތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 5,579 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބެކްފިލިން މަސައްކަތާއި 317 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 12.12 މިލިއަން ރުފިޔާއަށް 150 ދުވަސް ތެރޭގައި ނިންމުމަށެވެ.