މިއަހަރު ފެށުނީއްސުރެ އެމެރިކާއިން ދެކުނު ކޮރެއާއަށް ބޮޑެތި ނިއުކްލިއާ ވަސީލަތްތައް ރުކުރުވާލަމުން ދިޔުމުގެ ސަބަބުން ކޮރެއަން ޕެނިންސުއެލާގެ ހާލަތު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްދާފައިވާ ކަމަށް އުތުރު ކޮރެއާގެ ޑިފެންސް މިނިސްޓަރު ކަންގް ސަން ނާމް ވިދާޅުވެއްޖެއެވެ.

ކަންގް ސަން ނާމް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ރަޝިޔާއިން އިސްނަގައިގެން 100 ގައުމަކަށް ދައުވަތު ދީގެން އެގައުމުގައި ބާއްވަމުން ގެންދާ "ކޮންފަރެންސް އޮން އިންޓަނޭޝަނަލް ސެކިއުރިޓީ" ބައްދަލުވުމުގައި ތަގްރީރު ކުރައްވަމުންނެވެ.

"ދައުލަތުގެ ސިޔާސަތެއްގެ ގޮތުގައި އުތުރު ކޮރެއާއާ މެދު ޢަދާވާތްތެރި ސިޔާސަތެއް ގެންގުޅެ، އުތުރު ކޮރެއާގެ މިނިވަން ތަރައްގީއާއި ސަލާމަތީ މަސްލަހަތަށް ފާޅުގައި އަރައިގަންނަމުން އަންނަ އެމެރިކާއިން އިރުއުތުރު އޭޝިއާގެ ހާލަތު ނިއުކްލިއާ ހަނގުރާމަ ފެށުމުގެ މަގުމައްޗަށް ދަނީ ގެންދަމުން" ކަންގް ސަން ނާމް ވިދާޅުވިއެވެ.

މިއަހަރު ފެށުނީއްސުރެ އެމެރޮކާއިން ދަނީ ދެކުނު ކޮރެއާއަށް ނިއުކްލިއާ ސަބްމެރިން އާއި ސްޓްރެޓެޖިކް ބޮމްބަރު އަދި ނިއުކްލިއާ އެއާކްރާފްޓް ކެރިއާ ބަޓްލްގްރޫޕެއް ހިމެނޭ ގޮތަށް ބޮޑެތި ސްޓްރެޓެޖިކް ނިއުކްލިއާ ވަސީލަތްތައް ފޯރުކޮށްދެމުންނެވެ. އަދި ބޮޑުތި ޖޮއިންޓް މިލިޓަރީ ފަރިތަކުރުންތަކެއް ދެކުނު ކޮރެއާ އަސްކަރިއްޔާ އާއި ގުޅިގެން އެމެރިކާއިން ވަނީ ހިންގާފައެވެ. މި އަސްކަރީ ފަރިތަކުރުންތަކީ މީގެ ކުރިން ދެކުނު ކޮރެއާގައި އެމެރިކާއިން ހިންގާފައި ނުވާފަދަ ސްކޭލް، އިންޓެންސިޓީ އަދި މުއްދަތުގެ ގޮތުން ކުރިން ނުފެންނަވުރެ ފުޅާ މިނުގައި ހިންގި ފަރިތަކުރުންތަކެކެވެ.

"މިހާރު ސުވާލަކީ ކޮރެއާ ޕެނިންސުލާގައި ނިއުކްލިއާ ހަނގުރާމައެއް ފެށޭތޯ ނުވަތަ ނޫންތޯ ނޫން، ސުވާލަކީ އެކަން ފަށަނީ ކާކު، ކޮން އިރަކު އަދި ކިހިނެއްތޯ،" އުތުރު ކޮރެއާގެ ޑިފެންސް މިނިސްޓަރު ކަންގް ސަން ނާމް ވިދާޅުވިއެވެ.