ނުބައި މައުލޫމާތު ބޭނުން ކޮށްގެން އިނގިރޭސިވިލާތަށް އެތެރެވެ ރަޝިޔާއަށް ޖާސޫސް ކޮށްދެމުން ދިޔަ ދެ ފިރިހެނަކާއި އަންހެނަކު އިނގިރޭސި ފުލުހުން މިއަހަރުގެ ފެބްރުއަރީމަހު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ބީބީސީއިން ބުނެފިއެވެ.
ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައްޔަރު ކުރި 3 މީހުންނަކީވެސް ބަލްގޭރިޔާއަށް ނިސްބަތްވާ މީހުންނެވެ. އެއީ 42 އަހަރުގެ ބިސަރ ޑްޒަމްބަޒޯވް އާއި 45 އަހަރުގެ އޯލިން ރޫސެވް އަދި 31 އަހަރުގެ ކެތުރިން އިވަނޯވާއެވެ.
ލަންޑަންގެ މެޓްރޮޕޮލިޓަން ފުލުހުންނާ ހަވާލާދީ ބީބީސީއިން ބުނެފައި ވަނީ އޮފިޝަލް ސީކްރެޓްސް އެކްޓްގެ ދަށުން މިއަހަރުގެ ފެބްރުއަރީ މަހު ކައުންޓަރ ޓެރަރިޒަމް އޮފިސަރުން ފަސް މީހަކު ހައްޔަރު ކުރި ކަމަށެވެ. އެކަމަކު ދައުވާ ކުރެވޭވަރަށް ހެކި ލިބުނީ 3 މީހެއްގެ ފަރާތުން ކަމަށެވެ.
ބީބީސީގެ ރިޕޯޓުގައި މިތިން މީހުންނަކީ ރަޝިޔާގެ ޖާސޫސުން ކަމަށް ބުނިނަމަވެސް އިނގިރޭސި ފުލުހުން ވަނީ އެއީ ޖާސޫސުން ކަމަށް ބުނަން ދެކޮޅު ހަދާފައެވެ.
އިނގިރޭސި ފުލުހުން ހާމަކުރި ގޮތުގައި ރަޝިޔާގެ ޖާސޫސުން ކަމަށް ޝައްކު ކުރެވިގެން މިއަހަރު އެކަނިވެސް 400 އަށްވުރެ ގިނަ މީހުން ޔޫރަޕުން ވާނީ ބޭރު ކޮށްލާފައެވެ.
އިނގިރޭސިވިލާތުން އަންނަނީ ބޭރުގެ ސަލާމަތީ ނުރައްކާތަކަށް ހާއްސަ ސަމާލުކަމެއްދީ، މިދިޔަ މަހު ގައުމީ ސަލާމަތުގެ އާ ގާނޫނެއް ފާސްކޮށްފައެވެ. މިޤާނޫނުގެ ދަށުން ޖާސޫސުކުރުމާއި ބޭރުގެ ތަދައްޚުލުވުން ހުއްޓުވުމުގެ މަގުސަދުގައި އަޕްޑޭޓް ކުރެވިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ނުރައްކާ ހުއްޓުވުމާއި ޖިނާއީ ކުށުގެ މާއްދާތައް މިޤާނޫނުގައި ވަނީ ހިމަނާފައެވެ.
މިގާނޫނު ފާސްކުރިއިރު އިނގިރޭސި ސަރުކާރުން ވަނީ އެގައުމުގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިޔާއަށް ކަމަށް މިޤާނޫނުގައި ލިޔެފައެވެ.