މިއަންނަ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް ވަގުތު ހަމަވީއިރު އެކަމަށް އެދި 8152 މީހަކު ފޯމު ހުށަހަޅައިފިކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ވަގުތު ހަމަވެފައިވާއިރު ބޭނުންވާ ވަރަށް މޮނިޓަރުންނާއި އޮބްޒާވަރުން ނުލިބުމުގެ ސަބަބުން އެ މުއްދަތު ވަނީ އިއްޔެގެ މެންދުރު ފަހު 15:00 އާ ހަމައަށް އިތުރުކޮށްފައެވެ.އިއްޔެގައި މި ވަގުތު ހަމަވެފައިވާއިރު އެކަމަށް އެދި 8152 މީހަކު ވަނީ ފޯމު ހުށަހަޅާފައެވެ.

އެގޮތުން ރާއްޖޭގެ މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި، 4545 އެޕްލިކޭޝަން އަދި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި، ސިޔާސީ ޕާޓީތަކުންނާއި، ޖަމިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަގޮތުން ކުރިމަތިލެއްވި ބޭފުޅުންނާއެކު 3607 އެޕްލިކޭޝަން އޮބްޒާވަރުންނާއި، މޮނިޓަރުންގެ ގޮތުގައި އިސީއަށް ހުށަހަޅާފައިވާކަމަށް އީސީއިން ބުނެފިއެވެ.

މީގެއިތުރުން އީސީ އިން ބުނީ އެޕްލިކޭޝަންތަކުގެ މަޢުލޫމާތު ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރާއްޖޭގެ މޮނިޓަރުންނާއި، އޮބްޒާވަރުންގެ އިތުރުން، އިންޓަރނޭޝަނަލް އޮބްޒާވަރުންނާއި މޮނިޓަރުންގެ އޮބްޒަރވޭޝަންތަކާއެކު، ރިޔާސީ އިންތިހާބު 2023 ވެގެންދާނީ، އެންމެ ރަނގަޅަށް، އެންމެ ގިނަ އަދަދެއްގެ ބޭފުޅުން، އޮބްޒާވްކޮށް މޮނިޓަރ ކުރެވޭނެ އިންތިހާބަށް ކަމަށެވެ.

އިންތިހާބަށް ބޭނުންވާ މޮނިޓަރުންނާއި އޮބްޒާވަރުން ހޯދުމަށް ހުޅުވާލާއިފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.