ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަކީ ކުރާނެ ކަމެއް ނޫންކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި އަރި އަތޮޅަށް ކުރައްވާ ދަތުރުގައި އއ. ރަސްދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އިދިކޮޅު ޕީޕީއެމްގެ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ޔާމީން ޖަލުގައި އޮންނެވުންކަން ހާމަ ކުރަައްވައި ރައީސް ސާލިހު ވިދާޅުވީ މިކަމަކީ ޝަރުއީ މަރުހަލާގެ ތެރެއިން އިންސާފުވެރި ކަމާއިއެކު ކުރިއަށްދާ ޝަރީއަތަކަށްވާއިރު، އެކަމަށް ފާޑުކިޔައި ނުފޫޒު ފޯރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫންކަމަށެވެ.

ރައީސް ޔާމީންގެ މައްސަލާގައި އެމަނިކުފާނަށް ކަމެއް ކޮށްދެވެން އޮންނަނީ ޝަރީއަތް ނިމުމުން ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. އޭގެ ކުރިން ޝަރީއަތަށް ނުފޫޒު ފޯރުވައި، ޖުޑީޝަރީގެ ތެރެއަށް އަތް ބޭނުއްވުން ފަދަ ކަންތައް ނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް މައްސަލައަކަށް ވެފައިވަނީ އެ ބޭފުޅުންގެ ލީޑަރު ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހުން. އަޅުގަނޑުމެންވެސް ކަންބޮޑުވޭ. އެކަމަކު ޝަރީއަތުގެ މަރުހަލާ ނުނިމެނީސް އަޅުގަނޑުމެންނަށް ގޮތެއް ނުނިންމޭނެ. ކަމެއް ކުރެވޭނީ ޝަރުއީ މަރުހަލާ ނިމި، ގާނޫނީ އިމުގެ ތެރެއިން. އަޅުގަނޑަށް މަޖުބޫރުކުރުވިޔަސް، ޝަރުއީ ދާއިރާގެ ތެރެއަށް އަތެއް ނުބާނާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މިނިވަންކަމާ އެކު ޝަރީއަތް ހިންގުމުގެ ބާރު ދޫކޮށްލާފައިވާނެ ކަމަށާއި މިނިވަން މުއައްސަސާތައް ބޭނުންވާ ނަމަ، ސަރުކާރާ ދެކޮޅަށްވެސް ބަސްބުނުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށެވެ. އަދި ހިޔާލުތަފާތުވުންތަކުގެ ތެރެއިން އެމްޑީޕީ ދޫކޮށްދިޔަ މެންބަރުންވެސް އެނބުރި ޕާޓީއާ ގުޅުމަށް ރައީސް ވަނީ ދައުވަތު ދެއްވައިފައެވެ.

"ހިޔާލުތަފާތުވުންތަކުގެ ތެރެއިން ބައެއް މެންބަރުން ވަނީ ޕާޓީއާ ދުރަށް ޖެހިވަޑައިގެންފައި. އެއީ ޕާޓީއެއްގައި ހިނގާނެ ކަންކަން. ނަމަވެސް އެއީ އަޅުގަނޑުމެން ކުރި ދަތުރުގެ ބައިވެރިން. ހިތާމަވެރި، ވޭނުގައި ދުވަސްތަކެއް ހޭދަކުރި މެންބަރުން. ޕީޕީއެމަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ވެގެންދާނެ ގޮތް އެ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުގެ އިލްތިމާސަކީ ސިޔާސީ ހިޔާލުތަފާތުވުންތައް އެކަހެރިކޮށް، ވިސްނަވާފައި ވޯޓުދެއްވުމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މިޖަލްސާގައި ރަސްދޫ ރައްޔިތުން އެދޭ ކަންކަން ހާސިލްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރަސްދޫއަކީ ޑިމޮކްރަސީއަށް އެމްޑީޕީ ކުރި ދަތުރުގައި މުހިންމު ދައުރެއް އަދާކުރި ރައްޔިތަކު ދިރިއުޅޭ ރަށަކަށް ވުމުން މިފަހަރުވެސް މިވެރިކަން ދެެމެހެއްޓުމުގައި ރަސްދޫ ރައްޔިތުންގެ ދައުރު އޮންނާނެކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.