ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އޮންކޮލޮޖީ ވޯޑު ހުޅުއްވައިދެއްވައިފިއެވެ. މި ތަން ހުޅުއްވާދެއްވާފައިވަނީ މިއަދު މެންދުރު ކުރީ އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ވޯޑު ހުޅުއްވައިދެއްވުމަށްފަހު، ނައިބު ރައީސް ވަނީ އެ ވޯޑުގެ ޚިދުމަތްތައް ހަމަޖެހިފައި ހުރިގޮތް ބައްލަވާލައްވައި މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުންގެންދާކަމަށެވެ. މިގޮތުން އައިޖީއެމްއެޗްގައި އިތުރު ހިދުމަތްތައް ތައާރަފްކޮށް ހިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަ ކުރައްވައި، މިއަދު ފެށިގެން މިދާ އޮންކޮލޮޖީ ވޯޑުގެ ހިދުމަތަކީ، ވަރަށް މުހިންމު ހިދުމަތެއްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތު ތެރެއިން

މީގެއިތުރުން ވިދާޅުވީ ސިއްހީ ހިދުމަތް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކްލީފް ކުޑަކުރުމަށް މިސަރުކާރުން އަތޮޅުތަކުގެ ސިއްހީ ހިދުމަތް ތަރައްޤީކުރުމަށްވެސް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުން ދާކަމަށެވެ.

އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައް ތަރައްޤީ ކުރެވިފައިވާ ކަމަށާއި، ރާއްޖޭގެ އުތުރުން ދެކުނަށް ނަޒަރު ހިންގާލާއިރު، ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކުވެސް އައު ހިދުމަތްތައް އެހޮސްޕިޓަލްތަކުގައި ފެށިގެންދާތަން ފެންނާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ހުޅުއްވައި ދެއްވި، އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑަކީ، 8 އެނދުގެ ވޯޑެކެވެ. މިވޯޑުގައި ބަލި މީހުންނަށް ޚާއްޞަ 2 ފާޚާނާ އާއި، ނާސިންގ ސްޓޭޝަނާއި، ވެއިޓިންގ އޭރިއަކާއި ސްޓާފް އޭރިއާއެއްގެ އިތުރުން މެޑިކަލް ސްޓޯރ ރޫމަކާއި، އިދާރީ އޮފީީހެއް ހުންނާނެއެވެ.