ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އއ. ބޮޑުފޮޅުދޫ ފުޓްބޯޅަދަނޑާއި ވޮލީކޯޓް ހުޅުއްވައި ދެއްވައި އއ. މަތިވެރީގައި ފެނުގެ ހިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތުތައް ބާއްވާފައި ވަނީ ރައީސް މިހާރު އަރިއަތޮޅު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް މިއަދު ކުރެއްވި ޒިޔާރާތުގައެވެ.

ރައީސް މިއަދު ހުޅުއްވައިދެއްވި ބޮޑުފޮޅުދޫ ފުޓްބޯޅަދަނޑަކީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ޓާފްއަޅާފައިވާ ޒަމާނީ ދަނޑެކެވެ. އަދި ދަނޑުގެ ސަބްބޭސްގެ މަސައްކަތްކޮށްފައި ވަނީ އެލިއޮތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.އަދި އެރަށު ވޮލީކޯޓަކީ ވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ތަނެކެވެ.

މަތިވެރީގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)އިންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.