ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެވުމުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ކެމްޕޭން ޙަރަކާތުގެތެރެއިން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމާއި، ރަނިންމޭޓް ޑރ.އަމީން އިބްރާހީމް ވަނީ، ދަރުމަވެރިންނާއި، ކްލަބް ޖަމުޢިއްޔާތަކާއި، އެސޯސިއޭޝަންތަކާއެކު ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ، ރާއްޖޭގައި ޤައުމީ ފެންވަރުގައި ކުޅޭ ހުރިހާ ކުޅިވަރެއް އިތުރަށް ތަރައްޤީކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އެގޮތުން އެއީ ގިނަ ޒުވާނުން އެދޭކަމެއްކަމަށާއި، ރައްޔިތުންގެ ދުޅަހެޔޮކަމާއި އުފާވެރިކަމާއި ގުޅިފައިވާކަމެއްކަމުން، ޖޭޕީއިން ކުޅިވަރުގެ ދާއިރާއަށް ޚާއްސަ އަހަމިއްޔަތުކަމެއް ދެއްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

"ޤައުމެއްގެ ތަރައްޤީގައި ހިމެނޭ މުހިއްމު އެއް ކޮމްޕޯނެންޓް މިއީ. ދުޅަހެޔޮކަންމަތީ ތިބުމަށާއި، އެކުވެރިކަން އާލާކުރުމަށް، އަދި ކުޅިވަރުގެ ރޫޙުއާލާކުރުމަކީ މީހުންގެ ހިތްހަމަޖެހުން މީހުންގެ ހިތަށް ލިއްބައިދީ، އުފާވެރިކަން ދަމަހައްޓައިދޭކަމަކަށްވާތީ އަޅުގަނޑުމެން މިކަންވެސް ދޫކޮށްނުލާ މިހިމަނަނީ."
ޤާސިމް ވިދާޅުވިއެވެ

ޤާސިމް ވަނީ މުޖުތަމަޢަށް ބޭނުންތެރި ޚިދުމަތް ފޯރުކޮށްދޭ ޖަމުޢިއްޔާ ޖަމާޢަތްތަކަށް މިހާރަށްވުރެ ހަރުދަނާ އުސޫލެއްގެ ދަށުން މޮނީޓަރކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އަދި ބޭކާރު ގޮތުގައި ވަކި މާލީ މަންފާއެއް ޙާސިލުކުރުމަށް އެކި ނަންނަމުގައި އުފައްދާ ޖަމުޢިއްޔާތައް ދެނެގަނެވޭނެ ނިޒާމެއް ޤާއިމްކުރައްވާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. މިބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރައްވާ ޖަމިއްޔާތަކާއި ކުޅިވަރު ޖަމިއްޔާތަކާއި އެހެނިހެން ޢާއްމު ޖަމިއްޔާތަކުގެ ފަރާތުންވަނީ ބައިވެރިވެފައެވެ.