ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ ސިއްހީ ކުއްލި ކަންކަމުގައި އަވަސް ފަރުވާ ދިނުމަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ތަޢާރަފްކޮށް، ދަރިމައިވުމުގެ މައްސަލައިގެ ހައްލު ކަމުގައިވާ އައިވީއެފްގެ ޚިދުމަތް އާސަންދަ ތެރެއިން ކަވަރު ކުރެވޭނެ މަގު ފަހިކޮށް ދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކުޑަހުވަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ ސިއްހީ ނިޒާމަށް ހެޔޮ ބަދަލު ގެނެސް ދެއްވުމަށް ރައީސް ޔާމީން ފެއްޓެވި މަސައްކަތް މިސަރުކާރު އައިފަހުން އޮތީ ވަޅު ޖެހިފައިކަމަށް މުއިއްޒު ވަނީ މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވިދާޅުވެފައެވެ. ސިއްހީ އަވަސް ފަރުވާ ދެވޭނެ އިންތިޒާމުތަކާއި، ރާއްޖެއިން މިހާރު ކޮންމެހެން ލިބެންޖެހޭ ބޭސްފަރުވާ ލިބެން ނެތުމަކީ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެއްކަންވެސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މިވާހަކަފުޅުގައި، ސިއްހީ އަވަސް ފަރުވާ ދިނުމަށް އެއްރަށުން އަނެއް ރަށަށް މީހުން އުފުލަށް ރައީސް ޔާމީން ތައާރަފް ކުރެއްވި ސީ އެމްބިއުލާންސްގެ ހިދުމަތުގެ ހަނދާން އައުކޮށް، މުއިއްޒު ފާހަގަކުރެއްވީ ވެރިކަމަށް އައުމަށްފަހު އެންމެ އެދެވޭ ގޮތުގައި ރައްޔިތުންނަށް އެހިދުމަތް މިސަރުކާރުން ނުދެވޭކަމެވެ.

މުއިއްޒު ވިދާޅުވީ މިހިދުމަތް އިތުރަށް ފުޅާ ކުރުމަށް ވެރިކަމާއި ހަވާލު ވުމަށްފަހު އެއާ އެމްބިއުލާންސެއް ތައާރަފްކޮށް ހިދުމަތް ދޭން ފައްޓަވާނެކަމަށެވެ.

"އެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. ބަލި މީހުން އެ ތަނުން އަނެއް ތަނަށް އުފުލާނަން. އެކަން ކުރާނީ ސީޕްލޭންއެއް މެދުވެރިކޮށް. މިކަން ކާމިޔާބު ވެއްޖެނަމަ އިތުރު ފްލީޓެއްވެސް މިކަމަށް ހާއްސަ ކުރެވޭނެ،"
ޑރ މުހައްމަދު މުއިއްޒު

މީގެ އިތުރުން ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަ އަށް ހައްލު ހޯދުމަށް އައިވީއެފްގެ ޚިދުމަތް ހޯދުމަށް އާންމު ރައްޔިތުންގެ އަތުން ދާ ޚަރަދުތަކަށް ނިމުން ގެނައުމަށް އެޚިދުމަތަކީ އާސަންދަ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހަދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި މުއިއްޒު ވަނީ ކުޑަހުވަދޫއަށް ރައީސް ޔާމީން ގެނެސް ދެއްވި ތަރައްގު މިސަރުކާރުގެ މިވީ ފަސް އަހަރު މަޑުޖެހިފައިވާކަން ފާހަގަކުރައްވައި އަދި ޕީޕީއެމްގެ ދެން އުފެދޭ ވެރިކަމެއްގައި ރައީސް ޔާމީން ކުޑަހުވަދުއަށް ގެނެސްދެއްވި ތަރައްގީ ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.