މިދިޔަ ފަސް އަހަރަކީ އެންމެ ކުށް މަދު ފަސް އަހަރު ކަން ފާހަގަ ކުރައްވައި މިފަސް އަހަރުގެ ކުރިން ކުށް ގިނަވެފައިވަނީ ވެރިކަމުގައި ތިބޭ ބައެއްގެ ސަބަބުން ކުށް ކުރުމަށް ބާރު ލިބޭތީކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސްސާލިހު މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އއ. އަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު އއ މާޅޮހަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ މިވާހަކަފުޅުގައި ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތެއް ބޭނުންވަނީ ހަމަޖެހޭ މުޖުތަމައެއްގައި އުފާވެރި ދިރިއުޅުމެއް އުޅެން ކަމަށާއި ބޭނުންވަނީ ހަމަޖެހޭ މުޖުތަމައެއް ގާއިމުކުރުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ މި ފަސްއަހަރު ރަނގަޅު މަސައްކަތްތަކެއް ކުރެއްވިއްޖެކަމަށާއި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ އެންމެ ކުށްމަދު ފަސްއަހަރުކަމުގައެވެ. އަދި އޭގެ ކުރީގެ އަހަރުތަކުގައި މާލޭގެ ހާލަތަށް ބަލާއިރު، މަހަކު ކުއްޖަކު ކަތިލައި ވަޅިހަރައި މަރާލާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަން އެގޮތަށް ވަނީ ވެރިކަމުގައި ތިބޭ ބައެއްގެ ސަބަބުން އެމީހުންނަށް ބާރު ލިބޭތީ ސަބަބުންކަމަށެވެ. ފުލުހުންނަށް ކޮންޓްރޯލު ނުވެގެން އެމީހުން ދޫކޮށްލަން ޖެހޭކަމަށާއި މިއީ އެކުށްކުރާ މީހުންންނާއި ވެރިކަމުގައި ތިބޭ މީހުންނާއި ސިޔާސީ މީހުންނާ އޮންނަ ގުޅުމެއްގެ ސަބަބުން ދިމާވާ ގޮތްތައް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
"މި ފަސް އަހަރު އަޅުގަނޑުމެންނަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއީ އެންމެ ކުށް މަދު ފަސް އަހަރު. އޭގެ ކުރީ ފަސް އަހަރުގެ މާލޭގެ މަގުމަތީގެ ހާލަތަށް ބަލާ އިރު، މަހަކު ކުއްޖަކު ކަތިލައި، ވަޅި ހަރައި މަރާލާ. ފުލުހުންނަށް ކޮންޓްރޯލު ނުވެގެން ސިފައިން ނެރެން ޖެހުނު. އޭރު މާލޭގެ ހާލަތަކީ މިއީ. އެކަން އެގޮތަށް ވަނީ ވެރިކަމުގެ ތިބޭ މީހުންނާއި ސިޔާސީ މީހުންނާ އޮންނަ ގުޅުމެއްގެ ސަބަބުން. ވެރިކަމުގައި ތިބޭ ބައެއްގެ ސަބަބުން އެމީހުންނަށް ބާރު ލިބޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަގުމަތީގައި ވީއްލިގެން އުޅޭ މީހުންނަށް ދިރިއުޅޭނެ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގައި އެކަން އެމަނިކުފާނު ދައްކަވައިދެއްވާނެ ކަމަށެވެ. އަދި އެކަމަށް ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ މާޅޮހަށް ގިނަ ވައުދުތަކެއް ވެސް ވެވަޑައިގެންފައެވެ.
އެގޮތުން ޕިކްނިކް އައިލެންޑަކާއި ހޭންޑްބޯލް ކޯޓަކާއި ވޮލީ ކޯޓަކާއި ގެސްޓުންނަށް ހާއްސަ ބީޗެއް ހެދުމުގެ އިތުރުން އިތުރު އައިސްޕްލާންޓެއް ބެހެއްޓުމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި އުކުޅަހުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރޯހައުސްހެދުމާއި ޒަމާނީ ބޮޑު ހުކުރު މިސްކިތެއް ބިނާކޮށްދެއްވުމަށް ރައީސް ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.