ޕީއެންސީން ރިޔާސީ ކެންޑިޑޭޓެއް ނެރުނީ ޔާމީންގެ ހައްގުގައި ކަމަށާއި، ޔާމީނަށް ދެރަގޮތެއް ހައްދަވާފާނެކަމަށް ދައްކަވާ ވާހަކަތަކަކީ ދޭތެރެ ޖައްސަން ދައްކަވާ ވާހަކަތަކެއްކަން ފާހަގަކުރައްވައި، ޔާމީނަށް ދެރަގޮތެއް މުއިއްޒު ނުހައްދަވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ދ.ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ސިޔާސީ ވާދަވެރި ފަރާތްތަކުން ޑރ. މުއިއްޒު ރައީސް ޔާމީނަށް ދެރަގޮތެއް ހައްދަވަފާނެކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީ ދޭތެރެ ޖައްސަވަން ދައްކަވާ ވާހަކަތަކެއް ކަމުގައެވެ. ރިޔާސީ އިންތިހާބުގައި ޕީޕީއެމް، ޕީއެންސީން ކެންޑިޑޭޓަކު ނެރުނީ ރައީސް ޔާމީންގެ ހައްގުގައި ކަމަށެވެ.

ޑރ.މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ގާނޫނީ ހަމަތަކުގެ މަތީން އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީވެސް ރައީސް ޔާމީން މިނިވަން ކުރެއްވުން ކަމަށް އަދުރޭ ވިދާޅުވިއެވެ. ރައީސް ޔާމީނަށް މިސަރުކާރުން ނުހައްގުން ދެމުންދާ ލާއިނންސާނީ އަނިޔާތަކަކީ އެކަންކަމާއި އިންސާފު އަރާ ހަމަކުރާނެ ކަންތައްތަކެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރައީސް ނަޝީދަށް ހެއްދެވި ގޮތަށް ހައްދަވަފާނެ ކަމަށްބުނެ ރައީސް ނަޝީދު ޑރ.މުއިއްޒަށް ކުރައްވާ ތުހުމަތު ތަކަކީ އެއްވެސް އަސާސެއް ނެތް ފިތުނަ ވެރިކަން އުފެއްދުމަށް ދައްކަވާ ވާހަކަތަކެއް ކަމަށެވެ. އެވާހަކަތަކީ ޕީޕީއެމްގެ ލީޑަރޝިޕާއި އާންމު މެމްބަރުންވެސް ބަލައި ގަންނާނެ ވާހަކަތަކެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެއްވެސް ގޮތަކަށް ދޭތެރެ ޖައްސާކަށް އަންނި ބުނާނެ ކަމެއް ނެތް އިބޫ ތިމަންނައަށް ހެދި ގޮތް، މުއިއްޒު ޔާމީނަށް ހަދާނެއޭ. ނަހައްދަވާނެ. އެ ޔަގީންކަން އެބައޮތް،"
އަދުރޭ

ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދެއްވައިގެން ގާނޫނީ ހަމަތަކުގެ މަތިން ކުރައްވާނެ އެއް ކަމަކީ ރައީސް ޔާމީން މިނިވަން ކުރުން ކަމުގައި މުއިއްޒު ވަނީ މިރޭ ވެސް ފާހަގަ ކުުރައްވާފައެވެ. ރައީސް ޔާމީނަކީ ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ގެނެސް ދެއްވި ރައީސް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މިރޭ ކުޑަހުވަދޫން ވަނީ މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ގިނަ އަދަދެއްގެ ބަޔަކު، މުއިއްޒަށް މަރުހަބާ ދެންނެވުމަށް، ބަނދަރު ކައިރީގައި ހުންނަ ޕީޕީއެމް ޖަގަހަ ކައިރިއަށްޖަމާވިއެވެ.