ކުރީގެ ސަރުކާރުން އަތޮޅުތަކުގައި އަޅާފައިވާ ފްލެޓުތަކުގެ ކުލިތައް ކުޑަކޮށްދޭނެކަމަށް މޯލްޑިވިސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ މ. މުލަކުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އާންމުކޮށް މުސާރާގެ ގޮތުގައި 10،000 ރުފިޔާ އާއި 8،000 ރުފިޔާ ލިބޭ އިރު އޭގެން 5000 ރުފިޔާ ކުލީގެ ގޮތުގައި ދައްކަން ޖެހުމުން، އިތުރު ހަރަދުތައް ކުރެވެން ނޯންނަކަމަށެވެ.

އަދި އެ ޕާޓީއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި އަތޮޅުތަކުގެ ރައްޔިތުން އުޅެން އަޅާދީފައިވާ ފްލެޓުތަކަށް ދައްކަން ޖެހޭނީ މަހަކު 2000 ރުފިޔާ ކަމަށާއި އެހެންކަމުން މަހުން މަހަށް އެވަރު ދައްކާ ގޮތައް ކުލި ކުޑަ ކޮށްދޭނެކަމަށް ނާޒިމް ވައުދުވެޑައިގަތެވެ.

މީގެއިތުރުން ނާޒިމް ވަނީ ތައުލީމީ ދާއިރާ އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެމްއެންޕީގެ ތަޢުލީމީ ސިޔާސަތުގެ ދަށުން ޕްރައިމަރީން ފެށިގެން ޕީއެޗްޑީ އާއި ހަމައަށް ދަރިވަރުންނަށް ހިލޭ ކިޔަވާދެވޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި ކޮންމެ ކުއްޖަކީ އޭ ސްޓަރ ލިބޭ ކުއްޖަކަށް ނުވެދާނެކަމަށާއި، ކޮންމެ ކުއްޖަކަށް ލިބިފައިވާ ހުނަރަކީ ކޮބާއިކަން ދެނެގަނެ، ކުދިންގެ ކިބަގައި ހުރި އެކި ހުނަރުތައް، ސްކޫލް މާޙައުލުގެ ތެރެއިން ކުރިއަރުވާދިނުމަކީވެސް، ތަޢުލީމީ ސިޔާސަތުގެ ދަށުން ކޮށްދެއްވާނެ ކަމެއްކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.