ޕެނަލްޓީ ޖަހައިގެން ސްޕެއިނުގެ ސެވިއްޔާ 4-5 އިން ބަލިކޮށް މެންޗެސްޓަރ ސިޓީއިން ޔުއެފާ ސްޕަރ ކަޕުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ރޭ ހޯދައިފިއެވެ.
ގްރީސްގެ ކަރައިސްކަކިސް ސްޓޭޑިއަމްގައި ކުޅިބަލަން ތިބި ތިރީސް ތިންހާހެއްހައި މީހުންގެ ކުރިމަތީގައި ކުޅުނު މިމެޗުގައި މެންޗެސްޓަރ ސިޓީ ސިއްސުވާލުމަށްފަހު ލީޑް ނެގީ ސެވިއްޔާއިންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި މިލަނޑު ކާމިޔާބު ކޮށްދިނީ މޮރޮކޯ ގައުމީ ޓީމުގެ ފޯވާޑް ޔޫސުފް އަން ނަސީރީއެވެ. ނަސީރީ އޭރިޔާގެ ތެރެއިން ފުންމައިގެން އަރައި ބޮލުން މިލަނޑު ޖެހިއިރު އޭނާ މާކް ކޮށްގެން ހުރި ކްރޭޝިޔާގެ ޑިފެންޑަރު ގްވަރޑިއޯލް އާއި ނެދަލޭންޑްސްގެ އާކޭއަށް އޭނާ ހުއްޓުވަން އެއްވެސް ކަމެއް ނުކުރެވުނެވެ.
ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ސިޓީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 63 ވަނަ މިނެޓުގައި އިންގްލެންޑުގެ އުއްމީދީ އެޓޭކިންގ މިޑްފީލްޑަރު ކޯލް ޕާމާގެ ލަނޑުންނެވެ. މިލަނޑަށްފަހުވެސް ސިޓީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.
ސިޓީގެ ކެޕްޓަން އަދި ޕްލޭމޭކަރ ކެވިން ޑިބްރޭނާއަށް އަނިޔާވެ ހަތަރު މަހެއްހައި ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވުމުން މިމެޗުގައި މެދުތެރެ ބެލެހެއްޓުމުުގެ ޒިންމާ ހަވާލު ކުރީ ރޮޑްރީގެ އިތުރުން ކޮވަސިޗާއި ފިލް ފޯޑެންއާއެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ސިޓީއިން ޕެނަލްޓީތައް ފޮނުވާލީ އާރލިން ހާލާންޑާއި ހޫލިއަން އަލްވަރޭޒް، ކޮވަސިޗް، ޖެކް ގްރީލިޝް އަދި ކައިލް ވޯކާއެވެ. ސެވިއްޔާއިން ޕެނަލްޓީތައް ފޮނުވާލީ ލޫކަސް އޮކޮމްޕޮސް އާއި ރަފާ މީރް، އިވާން ރަކިޓިޗް، ޕެނަލްޓީ ޖެހުމަށް މަޝްހޫރު އާޖެންޓީނާގެ ގޮންޒާލޯ މޮންޓިއެލް އަދި 5 ވަަނަ ޕެނަލްޓީ ފޮނުވާލި ސާބިޔާގެ ނިމެންޖާ ގުޑެލްޖެވެ. ސެވިއްޔާ އަތުން ނާކާމިޔާބުވީ ގުޑެލްޖް ފޮނުވާލި ޕެނަލްޓީއެވެ.
މިއީ ކޯޗް ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީއިން ކާމިޔާބު ކުރި 15 ވަނަ ތައްޓެވެ. ސިޓީއިން ސްޕަރ ކަޕް ކާމިޔާބު ކުރުމުން ކުރިއަށް އޮތް ފީފާ ކްލަބް ވަރލްޑް ކަޕުގައި ޔޫރަޕުން ކްލަބް ވަރލްޑް ކަޕް ތަމްސީލް ކުރާނީ ސިޓީއެވެ. ކްލަބް ވަރލްޑް ކަޕް ސިޓީއަށް ކާމިޔާބު ކުރެވިއްޖެނަމަ ކްލަބް ލެވެލްގެ ހުރިހާ ތައްޓެއް އެކްލަބަށް ހާސިލް ކުރެވުނީއެވެ.