އަންވަރު ނައީމްގެ "ދަ އިންވިންސިބްލް: ދަ ކޮންފިއުޝަން" ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ނެރެދެއްވައިފިއެވެ.

މި ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ގައުމީ ކުތުބުހާނާގައެވެ. އަދި މި ފޮތަކީ ހިޔާލީ ވާހަކައެއްގެ މައްޗަށް ލިޔެފައިވާ ފޮތެކެވެ.

މި ރަސްމިއްޔާތުގައި މެޑަމް ފަޒްނާ ވަނީ ވާހަކަފުޅުދައްކަވައި، އަންވަރު ނައީމްގެ މި މަސައްކަތަށް ތައުރީފުކުރައްވާފައިވެއެވެ. އަދި ލިޔުންތެރިންނަށް ހިތްވަރު ދެއްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ރަނގަޅަށް ވާހަކަދެކެވޭ މީހަކަށްވާން ބޭނުންނަމަ މީހުން ދައްކާވާހަކަ އަޑުއެހުމަށާއި ހަމައެގޮތަށް ރަނގަޅަށް ލިޔަން ބޭނުންވާނަމަ ގިނަ ފޮތް ކިޔުމަކީ އެކަމަށް އޮތް ރަނގަޅު މަގުކަން ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ އެހެންމީހުންގެ ހިޔާލުތައް ބަލައިގަތުމާއި އެ ކުރާކަމެއްގައި ދެމިހުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ފަޒްނާ ވިދާޅުވީ ލިޔުންތެރިކަން ދިރުވައި އަދި ކުރިއެރުވުމުގައި ވެސް އެފަދަ ކަންކަމަށް ހިތްވަރުދޭ މާހައުލެއް ގޭތެރޭގައިވެސް އުފެއްދުމުގެ މުހިންމުކަމަށެވެ.

އަންވަރު ނައީމްގެ "ދަ ކޮންފިއުޝަން" ފޮތަކީ "ދަ އިންވިންސިބްލް"ގައި ހިމެނޭ ތިން ފޮތުގެ ތެރޭން ފުރަތަމަ ފޮތެވެ. މިއީ ރާއްޖެއާ ރާއްޖޭން ބޭރުގައި ހިނގާ ހިޔާލީ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ.