ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވެ ވަޑައިގަންނަވާނެ ގާނޫނީ ހަމައެއް ނެތް ކަމަށާއި އެކަން ޔާމީނަށްވެސް އެނގިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭންގެ ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ ރައީސް ސާލިހުގެ ކެމްޕޭން އެޗްކިޔުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައެވެ. ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕޯޑިއަމްތަކަށް އަރާވަޑައިގެން ގާނޫނީ ހަމަތަކުގެ ތެރެއިން ޔާމީން މިނިވަންކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މާރިޔާ ވިދާޅުވީ ހުރިހާ ކޯޓުތަކުން ޔާމީނަކީ ކުށްވެރިއެއްކަމަށް ނިންމަމުންކަން ފާހަގަކުރައްވައި، މާރިޔާ ވިދާޅުވީ ޔާމީނަކީ ކުށްވެރިއެއް ނޫންކަމަށް ކަނޑައަޅައި، ޔާމީން މިނިވަން ކޮށްލަން ޖެހޭ އެއްވެސްހަމައެއް ނޯންނާނެކަމަށެވެ. އަދި އެކަމަކީ ޔާމީނަށްވެސް އެނގިވަޑައިގަންނަވާނެ ކަމެއްކަމަށެވެ.

"ހުރިހާ ކޯޓުތަކުން އެ ދަނީ ނިންމަމުން ޔާމީނަކީ ކުށްވެރިއެއް ކަމަށް. ދެން ގާނޫނީ ހަމައެއް ކޮބައިތޯ؟ ޔާމީން ދޫކޮށްލައްވާނެ އެއްވެސް ހަމައެއް ނޯންނާނެ. ޔާމީނަށްވެސް އެކަން އެނގިވަޑައިގަންނަވާނެ،" މާރިޔާ ވިދާޅުވިއެވެ.

މުއިއްޒަކީ އެމްޑީއޭ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމްގައި އުޅުއްވި ބޭފުޅެއްކަން ފާހަގަ ކުރައްވަމުން މާރިޔާ ވިދާޅުވީ ޕީއެންސީއަށް ބަދަލުވީވެސް ރިޔާސީ ޓިކެޓުގެ ބޭނުމުގައި ކަމަށެވެ. ކަންމިހެން އޮތްއިރު މުއިއްޒަކީ ޔާމީނަށް ވަފާތެރިވާނެ ބޭފުޅެއް ނޫން ކަމަށާއި މުއިއްޒަކީ އަމިއްލަ ފައިދާއަށް އުޅުއްވާ ބޭފުޅެއް ކަމަށްވެސް މާރިޔާ ތުހުމަތު ކުރެއްވިއެވެ.

ޑރ. މުއިއްޒަކީ ޕީއެންސީ/ސަލަފު ޖަމިއްޔާގެ ކެންޑިޑޭޓެއްކަން ތަކުރާރު ކުރައްވާ މާރިޔާ ވިދާޅުވީ، ސަލަފު ޖަމިއްޔާއަށް، އެޑިއުކޭޝަން މިނިސްޓްރީ ދިނުމަށް މަޝްވަރާތަކެއް ކުރި ކަމަށް ވާހަކަ ދެކެވޭ ކަމަށެވެ.