ކަރަންޓާއި ފެން ބިލު ދެއްކުމުގައި ދަތިތަކެއް ހުންނަކަމަށް ފާހަގަކުރެވޭކަމަށާއި، އެކަމަށް ލުއިފަސޭހަ ގޮތެއް ހައްދަވައިދެއްވުމުގެ ގޮތުން، ކަރަންޓު ބިލުގެ ފުރަތަމަ 100 ޔުނިޓު ހިލޭކުރުމާއެކު ފެންބިލުގެ ފުރަތަމަ 3000 މީޓަރު ހިލޭ ލިބޭނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ކެންޕެއިން ދަތުރުގައި އެޕާޓީގެ މެންބަރުންނާއެކު އައްޑޫ އަތޮޅު ފޭދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަމުންނެވެ.

"ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކުރާނެ ވާހަކައާއި ގޭބީސީތަކަށް ފެން ލިބުމުގައި 3000 މީޓަރު ފެން ހިލޭ ކުރާނެ ވާހަކަ ދަންނަވަން،"

ނާޒިމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ފޭދޫގައި ނަރުދަމާއާއި ބިން ހިއްކުން ފަދަ މަސައްކަތްތައް ކޮށްފައި ހުރިތަން ފެންނަންހުރި ކަމަށާއި ނަމަވެސް ރަށުގެ ރައްޔިތުންނަށް ނަފާ ލިބޭނެ މަގެއް ތަނަވަސްކޮށްދެވިފައި ނުވާކަމަށެވެ. ހަމައެހެންމެ ރަށެއްގައި ހަމައެކަނި ފެނާއި ނަރުދަމާ އަދި ބިން ހިއްކުމަކުން އެއީ ތަރައްގީއެއް ނޫން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި އެއީ ސަރުކާރަކުން ހެޔޮފުޅުވެގެން ކުރާކަމެއް ނޫންކަމަށާއި އެއީ އެރަށެއްގެ ރައްޔިތުންގެ އަސާސީ ހައްގެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އައްޑޫ ވެގެންދާނީ އެންމެ ބޮޑު ބަދަލެއް އަންނާނެ ސިޓީކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުން މުއްސަނދިކުރުވާ ނަފާލިބޭ ބަޔަކަށް ހެދުންކަމަށް ނާޒިމް ވިދާޅުވިއެވެ.

ސިއްހީ ސިޔާސަތުގެ ތެރެއިން ކޮންމެ ރައްޔިތަކަށް އިންޝުއަރެންސް ކާޑު ތައާރަފްކުރުމާއެކު ބޭސްފަރުވާއަށް ސަލާންޖެހުމަށް ނިމުމަކަށް ގެންނާނެކަމަށް ވެސް މިވާހަކައިގެ ތެރޭގައި ނާޒިމްވަނީ ވިދާޅުވެފައެވެ.

ހަމަމިއާއެކު އިގްތިސާދީ ސިޔާސަތުގެ ތެރެއިން، ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސަރުކާރުގެ ފަރާތުން ގެސްޓުހައުސް އަޅައި، ޒުވާނުންނަށާއި އެ ދާއިރާއިން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރާނެ ވާހަކަވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.