ހއ. އިހަވަންދޫ މަސްކިރާ ބަނދަރު ހަދަން ސަރުކާރުން މިއަދު މޯލްޑިވްސް ކޮންޓްރެކްޓިންގް ކޮންޕެނީި (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިކަން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

ޖުމުލަ 60.26 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން ދީފައިވާ މުއްދަތަކީ 500 ދުވަހެވެ.

މި މަޝްރޫއުގެ ދަށުން 5.5 މީޓަރު އެމްއެސްއެލްގެ 47،161 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި 3.5 މީޓަރު އެމްއެސްއެލްގެ 3،060 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި 42 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.އަދި 129 މީޓަރުގެ ޝީޓް ޕައިލް އެއްގަމުތޮށި ލުމާއި 66 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ބޮލާޑް ހަރުކުރުމާއި ވީ-ފެންޑާ ހަރުކުރުމާއި 3،437 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.