ހައިކޯޓުގައި މިހާރު ކުރިޔަށް ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ތެރެއަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަންނަން ބޭނުންނުވާ ކަމަށް ރިޔާސީ އިންތިހާބުގެ ކަންކަން މޮނިޓާކުރުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ވަފުދުގެ ވެރިޔާ ނާޗޯ ސަންޗޭޒް އަމޯ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، އަދި އީޔޫ ވަފުދުގެ ޗީފް އޮބްޒާވަރު ނާޗޯ ވިދާޅުވީ އެ ވަފުދު ރާއްޖެ އައުމުގެ މަގުސަދަކީ އިންތިހާބު ހިނގަނީ ބައިނަލްއަގުވާމީ އަދި ސަރަހައްދީ ގައުމުތަކާއި، ރާއްޖޭ ޑިމޮކްރެޓިކް އުސޫލުތަކާއި ގާނޫނުތަކުގެ ދަށުންތޯ ކަށަވަރުކުރުމަށް ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލައަކީ ރާއްޖޭގެ ޝަރުއީ މަރުހަލާގައި އޮތް ރާއްޖޭގެ ދާހިލީ މައްސަލައެއް ކަމަށާއި، އެ މައްސަލައިގެ ތެރެއަށް އީޔޫ ވަފްދުން އެއްވެސް ގޮތަަކަށް ނުވަންނާނެ ކަމަށް ނާޗޯ ވިދާޅުވި އެވެ.
އީޔޫގެ ވަފްދުގެ ވެރިޔާ ވިދާޅުވީ އެ ވަފްދު ރާއްޖެ އައި އިންތިހާބު އޮބްޒާވްކުރުމަށް ކަމަށް ވާތީ، އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތް އޮބްޒާވްކުރުމަށްފަހު އިބްތިދާއީ ބަޔާނެއް ނެރޭނެ ކަމަށެވެ. މި އިންތިހާބުގައި ހިނގައިދާ ކަންކަމަށް ބަލައި އިތުރަށް ރަނގަޅު ކުރެވިދާނެ ކަންކަމުގެ ރިޕޯޓެއް އިލެކްޝަނަށް ހުށަހެޅުމަށް ވެސް އީޔޫގެ އިލެކްޝަން އޮބްޒަވޭޝަން މިޝަންގެ ފަރާތުން ވަނީ ނިންމަވާފައެވެ.
އީޔޫގެ ވަފްދުން މިކަން ހާމަކޮށްފައި މިވަނީ އެގާޜާ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންްދާ ކުރީގެ ރައީސް ޔާމީންގެ މައްސަލައާ ގުޅޭގޮތުން ވަކި ގޮތަކަށް ކަންކަން ކުރެއްވުމަށް އީޔޫއިން ސަރުކާރަށް ބާރު އެޅުއްވުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ވަފްދުގެ އަރިހުން އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.
އީޔޫގެ ވަފްދާއެކު މި މަހު ފަނަރަ ވަނަ ދުވަހު އޮތް ބައްދަލުކުރެއްވުމުގައި ރިޔާސީ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްގެން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގައި އީޔޫގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.