އައްޑޫއިން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމުކޮށްފިއެވެ.

ޝަރުތުހަމަވެގެން ގޯތި ލިބުނު މީހުންގެ ލިސްޓު އާންމުކޮށްފައިވަނީ އައްޑޫ ސިޓީ ކެބްސައިޓް އަދި ގެޒެޓްގައެވެ.

މީގެކުރިން މިކަމާ ގުޅިގެން ކައުންސިލުން ބުނީ ގޯއްޗަށް އެދި 4،160 ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން ޝަރުތުހަމަވަނީ 3،972 މީހުންކަމަށެވެ. އަދި އެ އެންމެންނަށްވެސް ގޯތި ލިބޭނެކަމަށްވެސް އެރަށު ކައުންސިލުން ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މީގެއިތުރުން ބުނީ ދާއިމީ ލިސްޓް އިއުލާންކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް އެ ކައުންސިލްގެ އަވަށު އޮފީސްތަކުން ކުރަމުން ގެންދާނެ ކަމަށެވެ.

ގޯތި ދޫކުރުމުގެ ގޮތުން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއިން ދަނީ ކުރަމުންނެވެ.

އައްޑޫން ގޯތި ދޫކުރަން ނިންމައި ކުރިމަތިލާން ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުއެވެ.