ޗައިނާގެ ދައުލަތުގެ މީޑިއާއިން އެމެރިކާގެ މިހާރުގެ ސަރުކާރުގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއަށް ވަރަށް ބޮޑަށް ރުޅިބާލަން ފަށައިފިއެވެ.

ޗައިނާ މީޑިއާގެ ރުޅި އެމެރިކާގެ ޚާރިޖީ ވަޒީރަށް މި އަމާޒުވީ، ޓައިވާނާމެދު އެމެރިކާއިން ގެންގުޅެމުން އައި ސިޔާސަތުތަކަށް ދައުރު ހަމަވާ ސަރުކާރުގެ ޚާރިޖީ ވަޒީރު ބަދަލު ގެންނަވައި އެކަން އިޢްލާން ކުރެއްވުމުންނެވެ.

ޗައިނާގެ ޒިންހުވާ ނޫސް އޭޖެންސީން ބުނެފައިވަނީ، މައިކް ޕޮމްޕެއޯ މަސައްކަތް ކުރައްވަނީ، ޗައިނާއާއި އެމެރިކާގެ ގުޅުމަށް ދިގުލައިގެންދާ ވަރުގެ ގެއްލުންތަކެއް ދިނުމަށް ކަމަށެވެ.

ޒިންހުވާގެ ލިއުންތެރިޔަކު ލިޔެފައިވަނީ، ޕޮމްޕެއޯ ބޭނުންފުޅުވަނީ އެމެރިކާއާއި ޗައިނާ ކުރިމަތިލުމަކަށް ދިއުމަށް ކަމަށާއި، ދުނިޔޭގެ ސުލްހައަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ޗައިނާ ސީސީޓީވީގެ އިނގިރޭސި ޗެނަލް؛ ސީޖީޓީއެންއިން ބުނެފައިވަނީ، މައިކް ޕޮމްޕެއޯގެ މިއަމަލަކީ އެމެރިކާގެ އަންނަންއޮތް ސަރުކާރަށް ދުއްތުރާކުރުން ކަމަށެވެ. އަދި މި އަމަލަކީ ފިނޑި އަމަލެއްގެގޮތުގައި ސިފަކޮށްފައި ވެއެވެ.

ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، ވައިޓްހައުސްއިން ނުކުތުމުގެކުރިން ދެވެންއޮތް ގެއްލުމެއް ދިނުމަށް ކަމަށާއި، ބައިޑެން ހުވާކުރުމުގެ ގޮތުން ޗައިނާ-އެމެރިކާ ގުޅުމުގެ ނުރައްކާތެރި ރަތްރޮނގު ޓްރަމްޕްގެ ސަރުކާރުން ހުރަސްކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެމެރިކާގެ މިހާރުގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މިއަދު ވަނީ، އެމެރިކާގެ ޚާރިޖިއްޔާގެ އޮފިޝަލުން ޓައިވާނާ މުއާމަލާތްތައް ކުރުމާމެދު އަމިއްލައަށް އަޅާފައި ހުރި ފިޔަވަޅުތައް އުވާލައްވާފައެވެ. ޕޮމްޕެއޯ ވިދާޅުވެފައިވަނީ، އެމެރިކާ ސަރުކާރުން އެ ފިޔަވަޅުތައް އަޅާފައި ހުރީ ޗައިނާ ސަރުކާރު ރުއްސަން ކަމަށެވެ.

ޓައިވާނުގެ މައްސަލައަކީ ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަށް ވަރަށް ނާޒުކު މައްސަލައެކެވެ. ޓައިވާނުގައި ޑިމޮކްރަޓިކް ވަކި ވެރިކަމެއް ކުރި ނަމަވެސް، ޗައިނާއިން ދެކެނި ޓައިވާނަކީ އެގައުމުގެ ބައެއް ކަމަށެވެ.

"އެއްޗައިނާ ސިޔާސަތު" ގެ ދަށުން އެމެރިކާއިންވެސް ގަބޫލުކުރަނީ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށެވެ. އެހެން ނަމަވެސް، އެމެރިކާއިން އަބަދުވެސް ޓައިވާނާ ގާތް ގުޅުންތަކެއް ބާއްވައެވެ.

އެގޮތުން، ޓައިވާންގެ ވެރިރަށް ޓައިޕޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވާފައި ވާއިރު، ޓައިވާނުގެ އަސްކަރިއްޔާއަށް ބޭނުންވާ އަސްކަރީ ސާމާނު ފޯރުކޮށްދެނީ އެމެރިކާއިންނެވެ. މިއީ. ޗައިނާ ވަރަށް ރުޅިއަންނަ ކަމެކެވެ.