ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ރައްޔިތުންނަށް އިތުރުފުޅު ހައްދަވާ ވެރިއެއް ނޫން ކަމަށާއި، ދައުލަތުގެ ލޯ ލާރިއެއްގައިވެސް އެމަނިކުފާނު ޖެހިވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ގުޅިފައިވާ ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ އެމްޑީއޭގެ ޖަގަހައެއް ހުޅުމާލޭގައި ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިވާހަކަފުޅުގައި އަސްލަމް ވިދާޅުވީ، ވެރިކަމުގައި މިހާރު ހުންނެވި ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް ކަމަށާއި އެމަނިކުފާނަކީ ރައްޔިތުންނާއި ގައުމަށް ތެދުވެރި ބޭފުޅެއް ކަމަށެވެ.

އަސްލަމް ދެއްކެވި ވާހަކައިގެ މިސާލަކަށް ދެއްކެވީ ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތުގައި ރާއްޖޭގެ ރައްޔިތުންނާ މެދު އަމަލުކުރެއްވި ގޮތެވެ. ރައްޔިތުންނަށް ދަތިވިޔަ ނުދީ އިގްތިސާދީ ގޮތުން، ރައީސް ސާލިހު އެ ހާލަތުގައި ގައުމު ހިފަހައްޓާލެއްވި ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

"އެ ހުރިހާ ކަމެއް ކުރަމުން އިކޮނޮމީ ހިފަހައްޓާލި ހިފަހައްޓާލުމަކީ މޮޅު އިކޮނޮމިސްޓަކު އެކަން ކުރާނެ ގޮތް. ރައްޔިތުންދެކެ ލޯބިވާ ރައީސަކު އެކަން ކުރާނެ ގޮތް. ރައީސް އިތުރުފުޅެއް ނުހައްދަވާނެ. ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައި ނުގަންނަވާނެ. ލިބޭ އެއްޗަކުން އެ ހަރަދު ކުރައްވަނީ،"
އަސްލަމް

މި އިންތިހާބުގައި އިދިކޮޅު ފަރާތަކުން ދައްކާ ވާހަކަތަކަށް ނުބަލައި ކަން ހިނގާފައިވާ ގޮތް އަމިއްލަ އަށް ބެލުމަށް އަސްލަމް ވަނީ އެދިވަޑައިގެންފައެވެ.