މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން މަންދޫބަކު ބެހެއްޓުމަށް ހުޅުވާލި ފުރުސަތުގައި އެންމެ ގިނަ އޮބްޒާވަރުންނަށް އެޕްލިކޭޝަން ލިބިފައި ވަނީ ޕީއެންސީގެ ފަރާތުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ. އެޕޯސްޓުގައި ހަބީބު ވިދާޅުވީ މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ރާއްޖޭގެ މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި 4545 އެޕްލިކޭޝަން އަދި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަ ގޮތުން ކުރިމަތިލެއްވި ބޭފުޅުންނާއެކު 3607 އެޕްލިކޭޝަން، އޮބްޒާވަރުންނާއި، މޮނިޓަރުންގެ ގޮތުގައި، ޖުމްލަ 8152 އެޕްލިކޭޝަން ރާއްޖޭން އީސީއަށް ލިބިފައިވާ ކަމަށެވެ.

އެޕްލިކޭޝަން ހުށަހެޅި ޕާޓީތައް

  • އެމް.ޑީ.ޕީ: 458
  • ޖޭޕީ: 217
  • ޕީ.އެން.ސީ: 548
  • އެމް.އެން.ޕީ: 271
  • ދަޑިމޮކްރެޓްސް: 241

އެޕްލިކޭޝަންތަކުގެ މައުލޫމާތު ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އީސީން ވަނީ މައުލޫމާތު ދީފައެވެ.

އިންތިހާބު އޮބްޒާވްކޮށް މޮނިޓަރ ކުރުމަކީ، އިންތިހާބުގެ ކަންކަން ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް، އީސީއަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ހަބީބު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މޮނިޓަރުންނާއި، އޮބްޒާވަރުންގެ އިތުރުން، ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި މޮނިޓަރުންގެ އޮބްޒަރވޭޝަންތަކާއެކު، ރިޔާސީ އިންތިހާބު 2023 ވެގެންދާނީ، އެންމެ ރަނގަޅަށް، އެންމެ ގިނަ އަދަދެއްގެ ބޭފުޅުން، އޮބްޒާވްކޮށް މޮނިޓަރ ކުރެވޭނެ އިންތިހާބަށް ކަމަށް ހަބީބު ވިދާޅުވިއެވެ.