ދިވެހިރާއްޖެ ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ ”އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް“ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒޯން 6 ގެ ޏ. އަދި ސ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މިއަދު ތަޢާރަފްކޮށް ޒޯން 5 ގއ/.ގދ. އަތޮޅާއި ޒޯން 6 ހައިވޭލިންކް އަކުން ގުޅާލައިފިއެވެ.
މިކަން ހާމަކޮށް މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ 18 އޯގަސްޓް އިން 24 އޯގަސްޓްގެ ނިޔަލަށް އެއް ހަފުތާގެ މުއްދަތަށް މިއަދު އަލަށް ފެށުނު އާރްޓީއެލް ފެރީ ރޫޓްތަކުގައި ކަސްޓަމަރުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.އަދި ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުމާއިއެކު ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީން ބުނީ ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ޖާގަ ހޯއްދެވުމަށް ގުޅުއްވާނީ އެ ރަށެއްގެ ރަށު ކައުންސިލަށް ކަމަށެވެ.ހަމައެހެންމެ މިއަދު އަލަށް ފެށުނު އާރްޓީއެލް ފެރީ ރޫޓްތަކުން އަގު ނެގުމަށް 25 އޯގަސްޓު 2023 ގައި ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އެހެންކަމުން ރަސްމީކޮށް އަގު ނަގައިގެން ދަތުރުކުރަން ފެށުމާއެކު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.މީގެ އިތުރުން އެމްޓީސީސީން ބުނީ 25 އޯގަސްޓުން ފެށިގެން ކަސްޓަމަރުން ޓިކެޓް ނެގުމަށް ބޭނުންކުރަން ވާނީ އެމްޓީސީސީން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް އިންނެވެ.
އެމްޓީސީސީން ބުނީ ރަސްމީކޮށް އަގުނަގައިގެން ޙިދުމަތް ދޭން ފެށިކަމުގައި ވިޔަސް ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި އެންސްޕާ ގައި ރަޖިސްޓްރީ ވެފައިވާ ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.އާރްޓީއެލް ފެރީތަކަކީ ޖުމްލަ 50 ފަސެންޖަރުންނަށް އަރާމު ކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. މި އުޅަނދުތަކުގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޙާއްސަ ކުރެވިފައިވާ ވީލްޗެއަރ ސްޕޭސް އާއި ސްޓްރެޗަރ ސްޕޭސް ހުންނާނެއެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެމްޓީސީސީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.