ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުސް ސެޕްޓެމްބަރު 1، ގައި ބޭއްވުމަށް ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކޮންމެ ދައުރެއްގެވެސް އިންތިހާބާއި ދިމާކޮށް ބާއްވާ މި ބަހުސާ ގުޅިގެން ކުރި އިއުލާނެއް ބުނީ މި ބަހުސް މިފަހަރު އޮންނާނީ ސެޕްޓެމްބަރު 1، ވަނަ ދުވަހުގެ ރޭ 9:00 ގައި ކަމަށެވެ.

އަދި މި ބަހުސްގައި ކެންޑިޑޭޓުންގެ ތަސައްވުރާއި، ސިޔާސަތުތަކާއި، ކުރިއަށް އޮތް ފަސް އަހަރާމެދު އުންމީދު ކުރާ ގޮތް ހާމަ ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށްވެސް ޕީއެސްއެމުން ވަނީ ބުނެފައެވެ.

ގާނޫނު އަސާސީ އަށް ގެނެވުނު ބަދަލާއި އެކު ގިނަ ޕާޓީތައް ހިމެނޭހެން ރިޔާސީ އިންތިހާބު ބާއްވަން ފެށިފަހުން، ބޭއްވުނު އިންތިހާބު ތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބަކީ މި އަހަރު ބޭއްވޭ އިންތިޚާބެވެ.

މި އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ފަސް ކެންޑިޑޭޓަކު އަދި އަމިއްލަ ގޮތުން ތިން ކެންޑިޑޭޓަކު ވާދަކުރާނެ އެވެ. އެއީ؛

  • އުމަރު ނަސީރު (އަމިއްލަ)
  • ހަސަން ޒަމީލް (އަމިއްލަ)
  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އެމްޑީޕީ)
  • ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
  • ގާސިމް އިބްރާހިމް (ޖުމްހުރީ ޕާޓީ)
  • އަހުމަދު ފާރިސް މައުމޫން (އަމިއްލަ)
  • އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
  • މުހައްމަދު ނާޒިމް (އެމްއެންޕީ)

ހުރިހާ ކެންޑިޑޭޓުންވެސް މިވަގުތު އަންނަނީ އެކި ގޮތްގޮތަށް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ. ޕީޕީއެމް/ޕީއެންސީން ގެންދަނީ އަތޮޅުތެރެއާއި މާލޭސަރަހައްދުގައި ކެމްޕެއިންކުރަމުންނެވެ. މިހާރުގެ ރައީސް އިބްރާހީމް މުހައްމަދުސާލިހު، އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ވަރަށް ވަރުގަދަކޮށް ރަށްރަށުގައި ކުރިއަށް ގެންދަވަނިކޮށް ދާދި އިހަށްް ދުވަހު އެމަނިކުފާނުގެ ހާލުކޮޅު މުޅިން ފިޓް ނޫން ކަމަށްވާތީ ވަނީ މާލެވަޑައިގެންފައެވެ. މުޅިން ތަފާތު ގޮތަކަށް ކެމްޕެއިން ކުރިއަށްގެންދަވާ ކެންޑިޑޭޓް ޒަމީލު ވިދާޅުވީ ކެމްޕެއިން ކުރައްވާނީ ސޯޝަލްމީޑިޔާގައި ކަމަށެވެ.