މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ލާ ވޯޓަކީ ފަހުން ހިތާމަ ކުރަންޖެހޭ ވޯޓަކަށް ނުހެދުމަށް ރައްޔިތުންގެ ކިބައިން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.

ގާސިމް މިހެން ވިދާޅުވީ، އަންނަ މަހުގެ 9 ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހދ އަތޮޅު ކުޅުދުއްފުއްޓަށް ވަޑައިގެން، އެރަށުގައި ޖުމްހޫރީ ޕާޓީގެ ޖަގަހައެއް ހުޅުއްވައިދެއްވުމަށްފަހު، ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއީކީ ބޮޑު ނުވަތަ ކުޑަ ޕާޓީއަށް ވެގެން ވޯޓު ދޭންޖެހޭ ކަމެއް ނޫންކަމަށާއު ދިވެހި ރައްޔިތުން ވެރިއަކު ހޮވާއިރު، ވަރަށް ރަނގަޅަށް ވިސްނަންޖެހޭނެ ކަމަށެވެ.

"ވަރަށް ރަނގަޅަށް ވިސްނައިފައި ނޫނިއްޔާ ފިޔަވަޅު ނާޅުއްވާށޭ. މިއީކީ ބޮޑު ޕާޓީއެއް ކުޑަ ޕާޓީއަށް ވެގެން ވޯޓު ދޭންޖެހޭ ކަމެއް ނޫނޭ. ތިމާގެ މީހާ، އެއްބަނޑު މީހާ ވެގެން ވޯޓު ދޭންޖެހޭ ކަމެއް ނޫނޭ މިއީކީ،" .
ގާސިމް ވިދާޅުވި އެވެ

މީގެ އިތުރުން ރައީސްގެ މަގާމުގައި ހުންނަ މީހަކު ކޮށްދޭ ކޮންމެ ކަމަކީ އެ މީހަކު މަގާމުގެ ގޮތުން އަދާކުރަންޖެހޭ ޒިންމާއެއްކަމަށާއު އޭގެ ބަދަލުގައި ވިސްނަންވީ، ރައީސްގެ މަގާމުގައި ނެތް އިރު، އަމިއްލަ ހައިސިއްޔަތުން ގައުމަށާއި ރައްޔިތުންނަށް ކޮށްދިން ހިދުމަތާމެދު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ގާސިމް ވަނީ ގައުމެއް ކުރިއަރައި ދަނީ ގޮތުގައި ވެރިކަމަށް އަންނަ މީހަކުގެ ތަންދޮރު އެނގުމާއި ގާބިލުކަމާއި ތަސައްވަރެއްގެ މައްޗަށް ކަމަށްވެސް ވިދާޅުވެފައިވެއެެވެ.