ސެޕްޓެމްބަރ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިއަދު އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބު ގައި، 9 ސެޕްޓެމްބަރ 2023 ގައި، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ، ފައިނަލް ލިސްޓު، މިއަދު ސަރުކާރުގެ ގެޒެޓްގައި، އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކުރާނެ ކަމަށެވެ.

ވޯޓުލާން އެބޭފުޅަކު ރަޖިސްޓަރީ ވެފައި އޮތީ ކޮންތާކުތޯ، ދުރާލައި ބެއްލެވުމަށް ހަބީބް ވަނީ އެދިވަޑައިގެންފައެވެ. ދިވެހިރާއްޖޭގެ ޝަރުއީކޯޓަކުން އަމުރު ކުރައްވައިގެން ނޫންގޮތަކަށް، ވޯޓުލާމީހުންގެ މި ފައިނަލް ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

މި ފައިނަލް ލިސްޓަކީ، އިސީގެ ވެބްސައިޓުގައި ދުވަހުން ދުވަހަށް އާންމުކުރަމުން، ސިޔާސީ ޕާޓީތަކާ ލިސްޓުހިއްސާ ކުރުމުގެ އިތުރުން، ޝަކުވާއަށް ހުޅުވައި، ޝަކުވާގެ މުއްދަތުގައި ލިބުނު ޝަކުވާތަކަށްވެސް ރިއާޔަތްކޮށްގެން، ފައިނަލް ކުރެވިފައިވާ އެންމެފަހުގެ ލިސްޓު ކަމަށް ހަބީބް ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި 278,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.