ޕާކިސްތާން އޮތީ ހޮނިހިރު ދުވަހުގެ ރޭ ކަނުއަނދިރީގައެވެ. ޕާކިސްތާންގެ ގައުމީކަރަންޓް ވިއުގައަށް ދިމާވި މައްސަލައަކާ ގުޅިގެން ގައުމުގެ 212 މިލިއަން މީހުން ކަނރަންޓުން މަހުރޫމްވިއެވެ.
ޕާކިސްތާންގެ ހަކަތަ އާ ބެހޭ ވަޒީރު އުމަރު އައްޔޫބު ޚާން ވިދާޅުވިގޮތުގައި މި މައްސަލަ ދިމާވީ، ޕަވަރ ޓްރާންސްމިޝަން ސިސްޓަމްގެ ފްރެކުއެންސީއަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އަދި ރައްޔިތުން ހިމޭނުން ތިބުމަށް ޓުއިޓާ މެދުވެރިކޮށް އޭނާ ގޮވާލެއްވިއެވެ.
މިއީ 2015ގެ ފަހުން ޕާކިސްތާންގައި އެހާ ފުޅާގޮތަކަށް މުޅި ގައުމުން ކަރަންޓް ކެނޑިގެން ދިޔަ ފަހަރެވެ.
ކަރާޗީގައި މީހުން އަމިއްލަ ޖެނެރޭޓަރުތަކަށް ތެޔޮ ގަތުމަށް ނިކުތުމުން ދިގު ކިޔޫތަކެއް ޕެޓްރޯލް ސްޓޭޝަންތަކުން ފެނިގެން ދިޔައެވެ. އަދި މި ކިޔޫތައް ރޭގަނޑުގެ ދަންގަޑިއަށްވެސް ދެމިގެން ދިޔައެވެ.
ޕާކިސްތާންގެ ބޮޑު ބައެއްގައި އަދިވެސް ކަރަންޓް ނެތެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކަރަންޓް ފޯރުވައި ދިނުމަށެވެ.
އާދީއްތަ ދުވަހުގެ ހެނދުނު 6.44 ގައި ވަޒީރު އައްޔޫބު ޓޫއީޓްކުރައްވާފައި ވަނީ އިސްލާމްއާބާދުގެ ބޮޑު ބަޔަކަށް ކަރަންޓް ލިބިފައިވާ ކަމަށެވެ.
ޕާކިސްތާނުން ކަރަންޓް ކެނޑިގެން ދިޔަނަމަވެސް ޕީއައިއޭގެ އޮޕަރޭޝަނަށް ބުރޫ ނާރާކަމަށް ޕީއައިއޭއިން ބުންޏެވެ.
ޕާކިސްތާންގައި ކަރަންޓް ކެނޑިގެން ނުދިއުމަކީ އާންމު ކަމެއް ނޫނެވެ. އެއަރޕޯޓްތަކާއި ހަސްފަތާލްތަކުގައިވެސް އަދި އެހެން މުއައްސަސާތަކުންވެސް އަމިއްލަ ޖެނެރޭޓަރުތައް ގެންގުޅެއެވެ. އަދި ޕެޓްރޯލް ޖެނެރޭޓަރު ގަނެވޭވަރު މީހުން ގޭގައިވެސް ޖަނެރޭޓަރު ގެންގުޅެއެވެ.