ރައީސުލްޖުމްހޫރިއްޔާ އަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ކަންކަމުގެ ތެރެއިން ޤާނޫނާއި ޚިލާފް އެތައް ކަމެއް ކުރައްވާފައިވާ ކަމަށާއި، ރައީސް ޞާލިހަށް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނޫނެކޭ ބުނަން ޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވަނީ ރިޔާސީ ކެމްޕޭންގައި ށ.ކަނޑިތީމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވަރަށް އަސަރާއިއެކު ޤައުމުގެ މިނިވަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި އެމަނިކުފާނުގެ ވަހަކާގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ރާއްޖޭގައި ބޭރުގެ ސިފައިންގެ ކޮންޓްރޯލް އިވެ، ދިވެހި ސިފައިންނަށް ނުވަދެވޭ އެތައް ތަނެއް ރާއްޖޭގައި ހުރުމުންނެވެ. ޤާސިމް ވިދާޅުވީ މިއީ ދިވެހި ފަސްގަނޑުގައި ވެގެން ވާނެ ކަންތައް ތަކެއް ނޫންކަމަށެވެ.

މީގެއިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން މިސަރުކާރަށް އަދި ރައީސް ޞާލިހަށް ވޯޓު ދެއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި ރައީސް ޞާލިހުވަނީ ކަނޑައެޅިގެން އެތައް ފަހަރަކު ޤާނޫނު އަސާސީއާއި ޚިލާފްވެ ވަޑައިގެންފައި ކަމަށް ޤާސިމް ވިދާޅުވިއެވެ.

ހެޔޮނުވާނެ ތިޔަބޭފުޅުން މިކަމާއި ވިސްނަވާ. ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ލާ ވޯޓުގައި މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާ އަށް ނޫނެކޭ ބުނެ، ކަނޑައެޅިގެން އޭނާ ނުހޮވުމަށް ދަންނަވަން. އޭނާ ހޮވަން ނުޖެހެނީ ޤާނޫނު އަސާސީއާއި އޭނާ ޚިލާފް ވެފައިވާތީ. އެއްކަމަށްވުރެ ގިނަ ކަންތައްތަކުގަ. ދެން މިހެން ބުނުމުން މާދަމާ ފުލުހަށް ގެންދިޔަޔަސް ކުރާނެ ކަމެއް ނެތް،'' .
ޤާސިމް ވިދާޅުވިއެވެ

އަދި ޤާސިމް ވިދާޅުވީ ސިފައިންނާއި، ފުލުހުންނަށްވެސް ރައީސްއަށް ނޫނެކޭ ބުނަންޖެހޭ ހާލަތްތަކެއް އޮންނާނެކަމަށާއި ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް ކަންކަން ކުރައްވާއިރު ސަލާމަތީ ބާރުތަކުން އިސްކުރަން ޖެހޭނީ ޤައުމައި ރައްޔިތުން ކަމަށެވެ.

ހަމައެހާއެކު އެމަނިކުފާނުގެ ވާހަކަ ފުޅުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބީ އެއް ދިމާލަކު ދެ ދިމާލަކު ނޫންކަމަށާއި ކަނޑުގެ ސާވޭ ހަދަނީވެސް، ރާޑަރު ބަލަހައްޓަނީވެސް ހަމަ އެއްބަޔަކު ކަމަށް ފާހަގަކުރައްވާ. މިއީ ދިވެހިންގެ ސަލާމަތީ ސަފެއް އޮވެ އެބޭފުޅުންގެ ބާރު ކަނޑުވާލައި ވަކި ބައެއްގެ އަތްމައްޗަށް ދިވެހި ގައުމު ދީއްލާލަން ކުރާ ވަރަށް ނޭއްގާނީ ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.