ކުޅިވަރުގެ ތެރެއިން ވަރަށްގިނަ ފިލާވަޅުދަސްވާ ކަމަށާއި އޭގެ ބޭނުން އެކަށޭނަ ގޮތަކަށް ހިފުން މުހިންމުކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ނައިބުރައީސް މިހެން ވިދާޅުވީ މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2023 ގެ ބާރަ އަހަރުން ދަށުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު އެރަސްމިއްޔާތުގައިދެއްކެވި ވާހަކަފުޅުގައެވެ.
މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ސޮކަރ ވެޓެރަންސް އެސޯސިއޭޝަނުން މިފަދަ ފުޓުބޯޅަ މުބާރާތެއް ކުރިޔަށް ގެންދިޔުމަކީ ފާހަގަ ކޮށްލަންޖެހޭ ކަމެއްކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ކުޅިވަރު ކުރިއެރުވުމަށްޓަކައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.
މިވާހަކަފުޅުގައި ނައިބުރައީސް އިތުރަށް ވިދާޅުވީ މެދުކެނޑުމެއްނެތި މިފަދަ މުބާރާތެއް ދިހަ ވަރަކަށް އަހަރު ރަނގަޅަށް ކުރިޔަށް ގެންދެވިއްޖެނަމަ އޭގެ ސަބަބުން ރަނގަޅު ކުޅުންތެރިންތަކެއް ރާއްޖޭގައި އުފެދިގެންދާނެ ކަމަށެވެ. އަދި، ކުޅިވަރަކީ އޭގެ ތެރެއިން ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްވެގެން ދާނެ ކަމަކަށްވުމުން އޭގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފުމުގެ މުހިންމުކަން ނައިބުރައީސް ވަނީ ފާހަގަކުރައްވައި ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން މިއަދު ހަވީރު ހެންވޭރު ބޯޅަދަނޑުގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބުރައީސް ފައިސަލް ވަނީ މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2023 ގެ ތިންވަނަ ހޮވި މެޗާއި ފައިނަލް މެޗުގެ ކުޅުން ވެސް ބައްލަވާލައްވާފައެވެ.
މިއީ 22 ޓީމަކާއެކު ދެ ދުވަހަށް ބަހާލައިގެން ގެންދެވުނު މުބާރާތެކެވެ. އަދި މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކޮށްފައި ވަނީ މާޒިޔާ އެކަޑަމީއާއި، އަލިކާ ސްޕޯޓްސް އެކަޑަމީ އިންނެވެ. އަދި 1-0 ން މެޗު ކާމިޔާބުކޮށްފައި ވަނީ މާޒިޔާ އެކަޑަމީގެ ޓީމުންނެވެ. މި މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވިފައި ވަނީ އެމް.އެސް. މޭޓްސް ގެ ޓީމެވެ.
ނައިބު ރައީސް ވަނީ މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2023 ގެ ޗެމްޕިއަންކަން ހޯދި ޓީމަށް ތަށްޓާއި މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށް ދެއްވާފައެވެ.