އިންޑިއާގެ ސަރަހައްދަށް ވަން ޗައިނާގެ ސިފައިންގެ މީހަކު އިންޑިއާ ސިފައިން ހައްޔަރުކޮށްފިއެވެ. އިންޑިއާ ސިފައިންގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިމީހާ ހިފަހައްޓާފައި ވަނީ ހުކުރު ދުވަހު ހެނދުނު ކަމަށެވެ. އަދި ކަނޑައެޅިފައިވާ ޕްރޮޓޮކޯލާ އެއްގޮތަށް މިމީހާ އާމެދު މުއާމަލާތު ކުރެވޭނެ ކަމަށް ސިފައިން ބުނެފައި ވެއެވެ.

މިމީހާ ހިފަހައްޓާފައި ވަނީ ޕާންގޮންގ ލޭކްގެ ދެކުނު އައްސޭރިން ލަދާކް ގެ ސަރަހައްދުންނެވެ.

ޗައިނާއިން އިންޑިއާގެ ސަރަހައްދަށް ސިފައިން ވެއްދުމުގެ ސަބަބުން މަސްރަހް ހޫނުވެފައިވާ މި ބޯދަރު ސަރަހައްދު ގައި އިންޑިއާއާއި ޗައިނާއިން ސިފައިން ރުކުރުވާލާފައި ވެއެވެ.

އިންޑިއާ ސިފައިން ބުނެފައިވަނީ ހައްޔަރުކޮށްފައިވާ ޗައިނާ ސިފައިންގެ މީހާގެ މައްސަލަ މިހާރު ދަނީ ތަހްގީގު ކުރަމުންނެވެ. އިންޑިއާ ސިފައިން ވަނީ ލަދާކްގެ ސްޓްރެޓީޖިކް އުސްބިންތައް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ.

މިއީ މިފަހަކަށް އައިސް އިންޑިއާ ސަރަހައްދުން ޗައިނާ ސިފައިންގެ މީހަކު ހައްޔަރުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އިރުމަތީ ލަދާކްގައި އޮކްޓޯބަރު 19 ގައި ކޯޕަރަލް ވާންގ ޔާ ލޮންގ ހައްޔަރުކޮށްފައި ވެއެވެ. ފަހުން މިމީހާ ޗައިނާއާ ޙަވާލު ކުރިއެވެ.

ލަދާކްގެ މަސްރަހް ޗައިނާއިން ހޫނު ކުރިފަހުން ދެ ގައުމުގެ ކުރިމަތި ލުމުގައި އެ ސަރަހައްދަށް ކޮންމެ ގައުމަކުން ބައިލައްކައެއްހާ ސިފައިންނާއި ބަރު ހަތިޔާރު ޖަމާކޮށްފައި ވެއެވެ. ދެ ފަރާތް އަދިވެސް ތިބީ ކުރިމަތި ލުމުގެ ހާލަތުގައެވެ.

ދެ ގައުމުގެ އިސް މަސްއޫލުވެރިންގެ ފެންވަރުގއި އަށް ބައްދަލުވުން ބާއްވާފައި ވާއިރުވެސް މައްސަލަ ހައްލު ވެފައެއް ނުވެއެވެ. އިންޑިއާއިން ބޭނުންވަނީ މައްސަލަ އުފެދިފައިވާ ހުރިހައި ތަންތަނާ ބެހޭ ގތުން މަޝްވަރާކޮށް މައްސަލަ ކޮންމެވެސް އެއްގޮތަކަށް ނިންމާށެވެ. ނަމަވެސް ޗައިނާއިން ޝާމިލު ގޮތަކަށް މައްސަލަ ނިންމާކަށް ބޭނުމެއް ނުވެއެވެ.

ދެ ގައުމުން މައްސަލ ހޫނު ވެދާނެތީ އަބަދުވެސް ހޮޓްލައިން މެދުވެރިކޮށް ގުޅޭ ގޮތަށް ތިބުމަށް ހަމަޖެހިފައި ވެއެވެ.