ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަން ކުރައްވަނީ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށްޓަކައި ކަމަށާއި، އެއީ ވަކި ބަޔަކަށް ފައިދާއެއް ލިބޭ ކަމެއް ނޫންކަމަށް އެމަނިކުފާގެ ރަނިންގމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، އެމްޑީއޭގެ ހުޅުމާލެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ، ރައީސް ސާލިހު ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށާއި، ސަރުކާރުގެ ފަރާތުން ފަހިކޮށްދޭ ފުރުސަތުތަކާއެކު އޭގެ ލާބައާއި މަންފާ ލިބެނީ ރައްޔިތުންނަށް ކަމަށެވެ. އެއީ ވަކި ޕާޓީއަކަށް ނުވަތަ މެންބަރަކަށް ލިބޭ ފައިދާއެއް ނޫންކަމަށާއި މި ސަރުކާރުން ކޮށްދެއްވި ކަންތައްތަކުގެ ލިސްޓު އިންތިހާއަށް ދިގުކަމަށް ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، ވަކި ދާއިރާއަކަށް ބެލުމެއް ނެތި ހުރިހާ ދާއިރާއަކުން މިސަރުކާރު ގެންދަނީ ތަރައްގީއާއި ކުރިއެރުން ހޯދަމުން ކަމަށެވެ.

މިވެރިކަމުގައި އަސާސީ ގޮތުން ބޭނުންވާ އެންމެހައި ކަންކަން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިންޕްލިމެންޓް ކުރަމުންދާކަން ހާމަކުރައްވައި އަސްލަމް ވިދާޅުވީ، އާރްޓީއެލްގެ ފެރީ ނިޒާމާއެކު މުޅި ރާއްޖެ ގުޅުވާލުން ފާހަގަކުރައްވާފައެވެ. ހިލޭ ޑިގްރީ ޕްރޮގްރާމް ފާހަގަކޮށްލެވޭ އިރު އެ ޕްރޮގްރާމްގެ ދަށުން 18،000 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާކަންވެސް އަސްލަމް ވަނީ ފާހަގަކޮށްފައެވެ،

ކުރިއަށް އޮތްތަނުގައި ސެޓްފިކެޓް ލެވަލް ވެސް ހިލޭ ކޮށްދޭނެ ކަމަށާއި، ބޭނުމަކީ ޒުވާން ޖީލެއްގެ ތައުލީމީ ގާބިލް ގައުމަށް ފައިދާކުރާނެ މަސައްކަތް ކުރާނެ ހުނަރުވެރި ޖީލެއް އުފެއްދުން ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

ރައީސްސާލިހު ވެރިކަން ކުރައްވަނީ ވަކި ޕާޓީއެއްގެ މެންބަރަކަށްނޫންކަމަށާއި އެއީ ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ކޮށްދެއްވާ ކަމެއްކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، މި ސަރުކާރުގެ ސަބަބުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފެނިގެންދަނީ ތަރައްގީކަމަށެވެ.

އެންމެ އަސާސީ ހިދުމަތްތައް ގާއިމްކޮށްދިނުމުގެ އިތުރުން އުފާވެރިކަމާއެކު ދިރިއުޅެވޭ މަގު ތަނަވަސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި ސަރުކާރުން ކުރަމުންދާކަމަށް ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، ސަރުކާރުން މަގު އޮމާންކޮށްދޭއިރު، އެމަގުން ކުރިއަށް ދިއުމަކީ ރައްޔިތުންގެ ކަމެއް ކަމަށެވެ.